މާލޭގައި ކުރިން އެޕާޓްމަންޓެއް ހޯދަން ދަތިވަނީ އަގުގެ ސަބަބުންނެވެ. ކުލީގެ އަގު އިންތިހާއަށް ބޮޑުކޮށް, ބޭނުން އަގުތަކެއްގައި އެޕާޓްމަންޓުތައް ކުއްޔަށް ދޫކުރަމުން އައެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓުތަކަށް ވެސް މަހަކު 10,000 ރުފިޔާއަށްވުރެ ބޮޑު އަގެއް ދައްކަން ޖެހެއެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވުމުން މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. އެ އުއްމީދާ އެއްގޮތަށް ބަދަލުތަކެއް ވެސް އައެވެ. ކުއްޔަށް ނަގާނެ މީހުން ނުލިބުމުން ބައެއް ތަންތަނުން އަގުތައް ވެސް ކުޑަ ކުރިއެވެ.
އެޕާޓްމަންޓުތައް ކުއްޔަށް ދޫކުރަނީ އާމްދަނީއެއް ހޯދަން ކަމަށްވާއިރު މިހާލަތުގައި ވެސް ކުލި ކުޑަނުކޮށް އެހެން ގޮތްތަކުން އެ އެޕާޓްމަންޓުން ފައިސާ ހޯދޭނެ ގޮތްތައް ގިނަ ބަޔަކު ބަލަން ފެށިއެވެ. އެ ފަރާތްތަކަށް ފެނުނު ހައްލަކީ މަހު ކުއްޔަށް ދޫކުރުމަށްވުރެ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާނަމަ ފައިދާވާކަމެވެ. މަހު ކުއްޔަށް އެއް ކޮޓަރީގެ އެޕާޓްމަންޓެއް 10,000 ރުފިޔާއަށް ދޭއިރު ދުވާލަކު 500 ރުފިޔާއަށް ހަމަ އެ އެޕާޓްމަންޓު ދޫކޮށްގެން މަހަކު އިތުރު 5000 ރުފިޔާގެ އާމްދަނީއެއް ލިބެއެވެ. އެހެންވެ ގިނަ ފަރާތްތަކުން މިހާރު ހިޔާރު ކުރަނީ މިގޮތެވެ.
ކުއްޔަށް އެޕާޓްމަންޓުތައް ދޫކުރުމަށް ހަދާފައިވާ ގްރޫޕްތަކާއި ޕޭޖުތަކުގައި ވެސް މިހާރު ގިނައިން ފެންނަނީ ދުވަހު ކުއްޔަށް ދޫކުރާ އެޕާޓްމަންޓުތަކެވެ. ހާއްސަކޮށް އެއް ކޮޓަރީގެ އެޕާޓްމަންޓެއް ނަމަ އެތަނެއް ދޫކުރަނީ ދުވަހު ކުއްޔަށެވެ. ބައެއް ފަރާތްތަކުން ގަޑިއިރަށް ފައިސާ ނަގައިގެން ވެސް އެޕާޓްމަންޓުތައް ވިއްކައެވެ. ގަޑިއަކަށް 200 ރުފިޔާ ނުވަތަ 300 ރުފިޔާގެ ރޭޓުންނެވެ.
"ރާއްޖެ ޓީވީ" އާ ވާހަކަދެއްކި މީހަކު ބުނީ އޭނާގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ކުރިން މަހު ކުއްޔަށް ދޫކުރީ 20,000 ރުފިޔާއަށް ކަމަށެވެ. އެއަށްފަހު ކޮވިޑް-19ގެ ސަބަބުން ކުލި ކުޑަކޮށް 18,000 އަށް ދިން ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިފަހުން ތަނުގެ އަގު ބޮޑު ކަމަށްބުނެ އެތަން ކުއްޔަށް ނުނަގާތީ އޭނާއަށް ވެސް ކުލި 15,000 ރުފިޔާއަށް ކުޑަކުރަން މަޖުބޫރިވީކަމުގައި އޭނާ ބުންޏެވެ.
ނަމަވެސް އެ އަގަކީ އޭނާއަށް މާ ކުޑަ އަގަކަށް ވާތީ އޭނާ ވިސްނީ އެ އެޕާޓްމަންޓު ދުވަހު ކުއްޔަށް ދޫކުރަންށެވެ. އޭނާ ބުނި ގޮތުގައި ދުވަހު ކުއްޔަށް ދެ ކޮޓަރި ވަކިން ދޫކުރުމުން އޭނާއާއަށް ލިބޭ ފައިދާ ދެގުނައެވެ. ކުލި ބޮޑުކޮށް ދިން އިރު މަހަކު 20,000 ރުފިޔާ ލިބެއެވެ. ނަމަވެސް މިހާރު އެ އެޕާޓްމަންޓުން މަހަކު 30,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް އޭނާ ހޯދައެވެ.
އޭނާ ބުނި ގޮތުގައި މާލެއާއި ހުޅުމާލޭގެ ގިނަ ފަރާތްތަކުން މިހާރު ހިޔާރު ކުރަނީ އެގޮތެވެ. އެއީ ބޭސްފަރުވާ އަަށާއި އެހެނިހެން ކަންކަމުގައި މަދު ދުވަސްކޮޅަކަށް އަންނަ ފަރާތްތަކަށް އެއް އެޕާޓްމަންޓު އެއްކޮށް, ފަރުނީޗަރާއި ފެސިލިޓީތަކާއެކު ލިބޭތީ އެގޮތް ބޭނުންވާތީއެވެ.
މިއީ ގާނޫނީ ގޮތުން ގޭގެ ވެރިފަރާތަށް އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މީގެ ސަބަބުން އެހެން ގޮތްގޮތުން އާއްމުންނަށް އަސަރު ކުރެއެވެ. އެއީ މަހު ކުއްޔަށް ދޫކުރާ ތަންތަން މަދުވެ, އަނެއްކާ ވެސް ކުލި ބޮޑުވާން ފެށުމެވެ. މި އަސަރު މިހާރު ވެސް ދަނީ ފެންނަމުންނެވެ.
މިދިޔަ އަހަރުގެ މެދު ތެރޭގައި ތަންތަނުގެ ކުލި ކުޑަވެ އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ އަގު 10,000 އަށްވުރެ ކުޑަވިއެވެ. ނަމަވެސް މިހާރު މާލޭގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއް އެ އަގުތަކުގައި ހޯދުމަކީ އުނދަގޫ ކަމެކެވެ. އެޕާޓްމަންޓުތަކަށް އޮތް ޑިމާންޑު އަނެއްކާ ވެސް އިތުރުވާން ފަށައިފިކަން އެނގުމާއެކު އަނެއްކާ ވެސް ކުލި ބޮޑު ކުރަން ފެށީއެވެ.
އާއްމުންގެ އިތުރުން މީގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކަށް ވެސް އަސަރު ކުރާނެއެވެ. ގެސްޓްހައުސްއެއްގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި 500 ރުފިޔާ ހޭދަ ކޮށްފައި އެއް ދުވަސް ހޭދަ ކުރުމަށްވުރެ ބޮޑު އެޕާޓްމަންޓަކަށް އެ ދުވަހުގެ ފައިސާ ހޭދަ ކުރަން ކޮންމެ މީހަކުވެސް މާ ބޭނުންވާނެއެވެ. އެހެންކަމަށްވާނަމަ ގެސްޓްހައުސްތަކަށް އެ ގެއްލެނީ ވަރަށް ގިނަ ކަސްޓަަމަރުންނެވެ. މާލޭގެ ގިނަ ގެސްޓްހައުސްތަކުގެ އާމްދަނީ ބޮޑަށް ބަރޯސާ ވެފައި އޮންނަނީ ވެސް ބޭސްފަރުވާ ފަދަ އެކި ބޭނުމުގައި މާލެއަށް އަންނަ ފަރާތްތަކުގެ މައްޗަށެވެ.