ރާއްޖޭގައި އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު، ފާނައިގެ މަސްވެރިކަން ކުރިއަރުވަން ބޭނުންވާ ކުދި ފާނަ ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖޭގައި "މަލްޓި ސްޕީޝަސް ހެޗަރީ" އެއް ޤާއިމު ކުރުމަށް ދުބާއީގެ އެކުއާ ބްރިޖް ގްރޫޕާއެކު އެއްބަސްވުމަކަށް އައުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ހެޗަރީ ޤާއިމު ކުރުމަށް ނިންމާފައިވަނީ ގއ މާނަގާގައެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގައި މުޅިން އައު ސިނާއަތެއް ފެށުމުގެ ބިންގާ އެޅުން ކަމަށެވެ. އެގޮތުން ރާއްޖޭގައި "މަލްޓި ޕަރޕޯސް ހެޗަރީ" އެއް ނުވަތަ "ކޮމަރޝަލް ހެޗަރީ" އެއް މިހާތަނަށް ޤާއިމު ކުރެވިފައި ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަނިފުށީގައި ފާނަ އުފެއްދުމުގެ ޤާބިލުކަން ހުރި ނަމަވެސް، މިހާތަނަށް ކޮވިޑާއި ގުޅިގެން އެކަމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އަލަށް ޤާއިމު ކުރެވޭ ހެޗަރީއާއެކު، ރާއްޖޭގެ ފާނައިގެ މަސްވެރިކަން ތަރައްޤީ ކުުރުމަށް ބޭނުންވާ ކުދި ފާނަ ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެތަނުގައި އުފެއްދޭ ފާނައިގެ ނިސްބަތް ބޭނުންވާ ވަރަށްވުރެ މަދު، އެހެންވީމާ އަޅުގަނޑުމެން މި އުއްމީދު ކުރަނީ މި މަލްޓި ސްޕީޝަސް ހެޗަރީ ހުޅުވިގެންދާއިރުގައި ރާއްޖޭގެ ފާނައިގެ މަސްވެރިކަން، މެރިކަލްޗަރ ތަރައްޤީ ކުރުމަށް ބޭނުންވާ ކުދި ފާނަ ލިބިގެންދާނެ ކަމަށްފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ޙަސަން
މިނިސްޓަރު ވިދާޅުވީ، މި ހެޗަރީން އުފައްދަނީ ހަމައެކަނި ފާނައެއް ނޫން ކަމަށެވެ. އެގޮތުން އެންވެރިކަން އިތުރަށް ފުޅާ ކުރުމަށްވެސް ހެޗަރީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމަށް ވެސް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމުގެ ދަތިކަން ކަމަށެވެ.
މިނިސްޓަރު ވަނީ މި އެއްބަސްވުމަކީ އެ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ކުރެވޭ ފާނަ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ފާނަ މަސްވެރިކަން ބަލަހައްޓައި، ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތަށް މެނޭޖުކޮށް، މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.