ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި ނެރެފައިވާ އަމުރު އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އާ މެދު އާދިއްތަ ދުވަހު އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައިކޯޓުން މިދިޔަ ޖޫން މަހު ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، އަރުޝަދުގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ 3 އޮކްޓޯބަރުގައި އަރުޝަދު ޚާލިދު މާލެ އައުމުން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްޓަކައި ދެއްކި ކޯޓު އަމުރުގެ އިސްތިއުނާފީ މައްސަލައެކެވެ. އޭނާގެ ވަކީލު ވިދާޅުވި ގޮތުގައި އެއީ 7 ޖޫން 2022 ގައި ނެރެފައިވާ ކޯޓު އަމުރެކެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުން އަމުރު ނެރުނު ސަބަބުތަކަށް ވާސިލުވި ގޮތާއި ގުޅޭގޮތުން ބައެއް ކަންކަން ސާފުކޮށްފައެވެ.
ހައިކޯޓުން ވަނީ އަރުޝަދަށް އަމުރު ރައްދުކޮށްދިނުމަށް ކުރެވިފައިވާ މަސައްކަތާއި ގުޅޭ ލިޔުމަކާއި، އަރުޝަދާއި ގުޅޭނެ ނަންބަރާއި އެޑްރެސް ސާފުކުރުމަށްޓަކައި ޕީޖީ އޮފީހަށް ހައިކޯޓުން ފޮނުވި ސިޓީއާއި، އެ ސިޓީ އާ ގުޅިގެން ޕީޖީ އޮފީހުން ފޮނުވި ޖަވާބު އިތުރުން ވެސް ބައެއް އިތުރު ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އިމިގްރޭޝަނަށް ހައިކޯޓުން ފޮނުވި ސިޓީއަކާއި، އިމިގްރޭޝަންގެ ޖަވާބު ވެސް ހިމެނެއެވެ.
ބުދަ ދުވަހުގެ އަޑުއެހުމަކީ އެ ލިޔެކިޔުންތަކާއި ގުޅިގެން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދެފަރާތުން ވެސް އެކަމާ ގުޅިގެން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފައިވާއިރު، އާދިއްތަ ދުވަހު އޮންނަ އަޑުއެހުމުގައި މި މައްސަލައަށް ގޮތެއް ނިންމަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އަރުޝަދުގެ ފަރާތުން އޭނާގެ ވަކީލު ނޫރުއްސަލާމް ވަނީ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އެފަދަ އަމުރެއް ނެރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވަނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އޭނާ އަށް ރައްދުކޮށްފައި ވަނިކޮށް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވުމުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަރުޝަދު ހާޒިރުވުމަށް އެންގި އަމުރުގައި ކޯޓަށް ހާޒިރުކުރަންވީ ވަގުތާއި ތާރީޚު ހިމަނާފައެއް ނުވާކަމަށާއި އެ އަމުރުގައި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތް އިރު ހައިކޯޓުގެ މައްސަލަތައް ބަލަންވާނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ.