ކ. މާލެ
|
25 އޮކްޓޯބަރ 2022 | އަންގާރަ 12:20
ސުނާކުއަކީ މި ފަހުގެ ތާރީޚުގައި، އިނގިރޭސި ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރެއްވުނު އެންމެ ހަގު މެންބަރު
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް
އިރެއްގެ އިސްތިއުމާރީ ބާރުގެ ފަސްގަނޑުގައި ލިބުނު ފަޚުރާއެކު އިންޑިއާގެ ގިރުވާނު ކޮޅަށް!
 
ސުނާކުއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވުނު، އޭޝިއާ ނަސްލުގެ ފުރަތަމަ ޝަހްސު
 
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ސުނާކު ޢައްޔަން ކުރެވުނީ، އެ މަޤާމުގައި ހުންނެވި ލިޒް ޓްރަސް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް
 
ސުނާކު، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އެންމެ ފުރަތަމަ ޖާގައެއް ކަށަވަރު ކުރެއްވީ 2015 ވަނަ އަހަރު

ސިޔާސީ މަސްރަހު އިންތިހާއަށް ނުތަނަވަސްވެ، ހަލަބޮލިވެފައި ވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް، އެ ޤައުމުގެ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ރިޝީ ސުނާކު ޢައްޔަން ކުރެވުމާއެކު، އިންޑިއާއިން ފަޚްރުވެރިކަމާއެކު އުފާ ފާޅު ކުރަން ފަށައިފިއެވެ.

ސުނާކުއަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވުނު، އޭޝިއާ ނަސްލުގެ ފުރަތަމަ ޝަހްސުވެސްމެއެވެ.

މީ ވަރަށް ޝަޢުޤުވެރި ކަމެއް. ވަކި ޤައުމެއްގެ ބޮޑުވަޒީރަކަށް ވާން، ވަކި ކުލައެއްގެ މީހަކަށް ވާން ނުޖެހޭ ކަން އަންގައިދޭ. އެ އިން މިހާރު ފަސްދީ ހިނގައްޖެ. މީ ރަނގަޅު ކަމެއް. އެއީ ކޮންޒަރވޭޓިވް ޕާޓީ. އުއްމީދަކީ ހަމަ އެކަނި މުއްސަނދިންގެ ބަދަލުގައި، ހުރިހާ އެންމެންގެ ލާބައާ މަންފާއަށް ފައިދާތަކެއް ވުން.
އިންޑިއާ ރައްޔިތެއް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ސުނާކު ޢައްޔަން ކުރެވުނީ، އެ މަޤާމުގައި ހުންނެވި ލިޒް ޓްރަސް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަޤާމަށް ވާދަ ކުރުމަށް އޮތް ރޭހުން، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި، ވާދަވެރި ޕެނީ މޯޑޯންޓްވެސް ވަކިވެވަޑައިގެންނެވުމުންނެވެ.

އިރެއްގަ އިންޑިއާގެ މައްޗަށް ގަދަބާރު ހިންގި ޤައުމެއްގެ ލީޑަރު ކަމަށް، އިންގްލަންޑްގެ ބޮޑުވަޒީރު ކަމަށް އިންޑިއާ މީހަކު އިސް ކުރެވުމަކީ، އަހަރެން ދެކޭ ގޮތުގަ އިންޑިއާގެ ރައްޔިތުންނަށް ލިބޭ ފަޚްރެއް. މި އަޑަކީ، އަހަރެން ޤަބޫލު ކުރާ ގޮތުގަ، އިންޑިއާ ރައްޔިތުންނަށް ލިބުނު ހަދިޔާއެއް.
ސުނީލް މަހާޖާން؛ އިންޑިއާ ރައްޔިތެއް

ލިޒް ޓްރަސް، ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވީ އެންމެ ދޮޅު މަހެއްހާ ދުވަހަށް ފަހުގައެވެ. އެއީ އޭނާއަށް އޮތް ތާޢީދު އާތްވަތަށްވެ، ވައިގެ ތެރެއަށް އަރައިގެން ދިޔަ ހިސާބުން ކަމުގައިވެސް ސިފަ ކުރެވިދާނެއެވެ.

100 އަހަރު ވަންދެން އިންޑިއާގަ ވެރިކަން ހިންގި ބައެއްގެ އެންމެ އިސްވެރިއަކަށް، އަހަރަމެންގެ ތެރެއިން މީހަކު ޢައްޔަން ކުރެވުމަކީ، ހަމަ ޔަޤީނުންވެސް ފަޚްރެކޭ ބުނާނެ މިއަދު އަހާލި ކޮންމެ މީހަކުވެސް. ދެވަނަ ވިސްނުމެއް ނެތް. އަހަރަމެން އެންމެން ސުނާކުއަށް މަރުޙަބާ ކިއަން. ހެޔޮ އެދެން. ހުރިހާ ކާމިޔާބީތަކަކަށް ތަހުނިޔާ ކިއަން.
ރާޖާ ސިންހް؛ އިންޑިއާ ރައްޔިތެއް

ހިންދޫ ދީނަށް ނިސްބަތްވާ ސުނާކު ވަނީ، ބޮޑުވަޒީރު ކަމުގައި އޭނާގެ ރަސްމީ ގެކޮޅު ކަމަށް ވާ 11 ޑައުނިންގް ސްޓްރީޓްގައި ހިންދޫ ދީނުގެ ޝިޢާރު ފާޅުކުރުމަށް ދިވާލީ ހަރަކާތް ހިންގާފައެވެ.

އިނގިރޭސިވިލާތުގެ ދާހިލީ މަސްރަހުގެ އިތުރުން މުޅި ދުނިޔެގެ ސަލާމަތަށް ކުރިމަތި ވެފައި ވާ 1 ނަމްބަރު ނުރައްކަލަކީ ޗައިނާ ކަމަށާ، މަގާމު ކަށަވަރު ކުރެއްވިއްޖެ ކަމުގައި ވަނީ ނަމަ، ޗައިނާއާ މެދު ގެންގުޅުއްވާނީ ހަރުކަށި އުސޫލެއް ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ޗާންސެލަރުކަންވެސް ކުރައްވާފައިވާ ސުނާކު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޗައިނާއާ މެދު ހަރުކަށި އުސޫލެއް ގެންގުޅުއްވާނެ ކަމަށް ސުނާކު ވައުދުވެވަޑައިގެންފައި ވަނީ ޗައިނާއާއި ރަޝިއާގެ ކަންކަމުގައި ސުނާކުއަކީ ބަލިކަށި ބޭފުޅެއް ކަމަށް ވިދާޅުވެ، ލިޒް ޓްރަސް އަމާޒު ކުރެއްވި ބަހުގެ ހަމަލާގެ ރައްދުގައެވެ.

ކަން މިހެން އޮތް އިރު ޗައިނާގެ ދައުލަތުން ހިންގާ ގްލޯބަލް ޓައިމްސްއިން ވަނީ، އިނގިރޭސި ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަމުން ގެންދެވި ކެންޑިޑޭޓުންގެ ތެރޭގައި، އިނގިރޭސިވިލާތާއި ޗައިނާގެ ގުޅުން ތަރައްޤީ ކުރުމުގައި ސާފު އަދި އަމަލީ ގޮތުން ހާސިލު ކުރެވޭ ފަދަ ތަސައްވުރެ ގެންގުޅުއްވާ ހަމައެކަނި ބޭފުޅަކީ ސުނާކު ކަމަށް ސިފަ ކޮށްފައެވެ.

ޗައިނާއާ ދެކޮޅަށް ހަރުކަށި ފިކުރެއް ގެންގުޅުއްވާ ސުނާކު ވަނީ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ ބޭރު ކުރައްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ. އެ ކަން މާނަ ކުރައްވާފައި ވަނީ، ދިރާސާތަކަށް ފަންޑު ކުރުމުގެ މާނާގައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިންވެސް ޗައިނާއާ ދެކޮޅަށް މަސައްކަތް ވަރުގަދަ ކުރާނެ ކަމަށާ، ޗައިނާއާ ކުރިމަތިލުމަށް ނޭޓޯ ފަދަ އަސްކަރީ އިއްތިހާދެއް އެކުލަވާލައްވާނެ ކަމަށްވެސް ސުނާކު ވަނީ ވިދާޅުވެފައެވެ.

ސުނާކު، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އެންމެ ފުރަތަމަ ޖާގައެއް ކަށަވަރު ކުރެއްވީ 2015 ވަނަ އަހަރުއެވެ. ސުނާކުއަކީ މި ފަހުގެ ތާރީޚުގައި، އިނގިރޭސި ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރެއްވުނު އެންމެ ހަގު މެންބަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް