އަނިޔާ އިން ރަނގަޅުވެ މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ފްރާންސް ޓީމުން އިންތިޒާރު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
ސީޒަން ފެށުނު ކޮޅާ ގާތު ޔުވެންޓަސް އަށް ބަދަލުވެ، އެ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން ޕޮގްބާ އަށް ވަނީ އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން ޕޮގްބާ އަށް ޖެހުނީ ކަކުލުގެ ސާޖަރީއެއް ހަދާށެވެ. އެއާއެކު ޕޮގްބާ އަށް ވަނީ އަންނަ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައެވެ.
ނަމަވެސް ސާޖަރީ އަށް ފަހު މިހާރު ޕޮގްބާ އަންނަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެހެނެކަމުން ވޯލްޑް ކަޕުން ފްރާންސް ޓީމާއެކު އޭނާ ފެންނާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފަރިތަކުރުމުގައި ބައިވެރިވުމަށްފަހު ޕޮގްބާ ބުނީ އެނބުރި އާދެވުނީތީ އުފާވާ ކަމަށާއި، ކުރިއަށް ކުރަން ހުރި މަސައްކަތް ބޮޑު ކަމަށެވެ.
ވޯލްޑް ކަޕުން ޕޮގްބާ ފްރާންސުން ފެނިދާނެތޯ ސުވާލުކުރުން ޑެޝޯމްޕްސް ބުނީ އެ މީހުން ތިބީ އޭނާ އަށް މަޑުކޮށްގެން ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެނބުރި އައުމަށް ޕޮގްބާ އަށް ވަގުތު ދޭން ޖެހޭނެ ކަމަށާއި، ޕޮގްބާ އަކީ ކިހާ ފެންވަރެެއްގެ ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އިނގޭ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ޕޮގްބާ އަށް ޔުވެންޓަސް އާއި ފްރާންސް ޓީމަށް ވެސް ވަރަށް ބޮޑު އެހީއެއް ވެވޭނެ ކަން ފާހަގަކޮށްފައެވެ.
ޕޮގްބާ އަކީ ފްރާންސް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު، އެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ.