ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 07:38
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިޔުކޭޝަން މިނިސްޓްރީ
ޖީޕީއީގެ ބޯޑަށް އެޑިއުކޭޝަން މިނިސްޓަރު
ޖީޕީއީގެ ބޯޑު މެންބަރަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ހޮވިވަޑައިގެންފި
މި ފަންޑުގެ ބޯޑު މެންބަރަކަށް ޑރ. އައިޝަތު އަލީ ހޮވިވަޑައިގެންފައިވަނީ މެންބަރު ހުރިހާ ޤައުމެއްގެ ތާއީދާ އެކު

ބައިނަލްއަޤްވާމީ ފަންޑެއްކަމަށްވާ "ގްލޯބަލް ޕާޓްނަރޝިޕް އިން އެޑިއުކޭޝަން" (ޖީޕީއީ) ގެ ބޯޑު މެންބަރަކަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހޮވިވަޑައިގެންފިއެވެ.

މިނިސްޓަރު އައިޝަތު ހޮވިވަޑައިގެންފައިވަނީ، އޭޝިއާ އަދި ޕެސިފިކްގެ މެންބަރު ޤައުމުތައް ތަމްސީލްކުރާ ބޯޑު މެންބަރަކަށެވެ. ޖީޕީއީގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ހުޅުވާލި ފުރުސަތުގައި، ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، މި ފަންޑުގެ ބޯޑު މެންބަރަކަށް ހޮވިވަޑައިގެންފައިވަނީ މެންބަރު ހުރިހާ ޤައުމެއްގެ ތާއީދާއެކުއެވެ.

ޖީޕީއީއަކީ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ތައުލީމީ ކަންކަން ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން ހިންގާ މިފަދަ އެންމެ ބޮޑު ފަންޑެވެ.

ޖީޕީއީގެ ދަށުން، ދުނިޔޭގެ 70އަށްވުރެ ގިނަ ޤައުމުތަކުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ފަންޑުގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން، ޖީޕީއީގެ ޕޮލިސީތަކާއި ނިންމުންތައް ނިންމުމާއި އުސޫލުތައް ކަނޑައެޅުމުގައި މިނިސްޓަރ އާއިޝަތު އަލީ މަސައްކަތް ކުރައްވާނެއެވެ.

މި ފަންޑުގެ އެންމެ ބޮޑު މަގުސަދަކީ ހެޔޮއެދޭ ފަރާތްތަކާއި، ޖަމިއްޔާތަކާއި ބޮޑެތި އަމިއްލަ ވިޔަފާރިތަކާއި ބޭންކުތައް އަދި ގިނައިން އާމްދަނީ ލިބޭ ޤައުމުތަކުގެ މާލީ އެހީ ހޯދުމެވެ. އަދި އެ ފައިސާ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ތައުލީމީ ކަންކަން ކުރުމަށް ހޭދަކުރުމެވެ.

ޖީޕީއީގެ ބޯޑުގައި ތަމްސީލުކުރަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކުގެ ސަރުކާރުތަކާއި އެހީ ދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ވިޔަފާރިތަކާއި ފައުންޑޭޝަންތަކާއި މަލްޓިލޭޓަރަލް އެޖެންސީތަކާއި އަދި ސަރަހައްދީ ބޭންކުތަކުންނެވެ.

މި ފަންޑަކީ ދުނިޔޭގެ ގައުމުތަކުގައި ތައުލީމު ދިނުމަށް ހުރި ހުރަސްތައް ނަތާލުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވަކާލާތުކުރާ ބައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

- ކޮމެންޓް