މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖު ތައާރަފުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖެއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖު ތައާރަފުކޮށް، އެކި ކެޓަގަރީތަކުން މިއަހަރު މި އެވޯޑް ހާސިލްކުރި ފަރާތްތަކުން ޕްރޮމޯޝަންތަކާއި ރަސްމީ ލިޔުންތަކުގައި ބޭނުންކުރުމަށް މިނިސްޓްރީން އެ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.
މިއަހަރު މޯލްޑިވްސް ޓޫރިޒަމް އެވޯޑް ލޯންޗުކޮށް، 27 ފަރާތަކަށް އެވޯޑްތައް ވަނީ ހަވާލުކޮށްފައެވެ. އެވޯޑްތައް ހަވާލުކޮށްފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ ދެވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޝަރަފުވެރިކޮށްދެއްވާފައިވާއިރު އެމަނިކުފާނު ވަނީ 6 އެވޯޑެއް ހަވާލުކޮށްދެއްވާފައެވެ.
ރައީސް ހަވާލުކޮށްދެއްވި އެވޯޑުތައް:
- ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް
- ބެސްޓް ގެސްޓްހައުސް: ސަބާ ސަމަރ ސުއިޓް
- ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
- ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއަރ މޯލްޑިވްސް
- ބެސްޓް ވޯޓަރ ސްޕޯޓް ސެންޓަރ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ބެސްޓް ޑައިވް ސެންޓަރ: ރަސްދޫ ޑައިވާރސް ކުރަމަތި
މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖަލްސާގައި ޖަލްސާގައި ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
27 ފަރާތަކަށް މިނިސްޓްރީން އެވޯޑު ހަވާލުކޮށްފައިވާއިރު މި ސަރުކާރުން ނޫން އެހެން ސަރުކާރަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށްފައިނުވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.