ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް ރެސްޓު ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ބެލެންޑޯ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ބެންޒެމާ އަންނަނީ ރެއާލްގައި މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. ނަމަވެސް ސްޕެނިޝް ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު މެޗުގައި ބެންޒެމާ ކުޅެފައެއް ނުވެއެވެ. އެ މެޗުގެ ސްކޮޑުގައި އެންމެ ފުރަތަމަ އޭނާ ހިމެނި ނަމަވެސް ފަހުން ވަނީ އުނިކޮށްފައެވެ.
އެކަމާ ގުޅިގެން އަންޗެލޮޓީ ބުނީ ބެންޒެމާ އަކީ ރެއާލަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. ޚާއްސަކޮށް އޭނާ ފާހަގަ ކުރި ގޮތުގައި ވޯލްޑް ކަަޕަށްފަހު ސީޒަން އަލުން ފަށާއިރު ބެންޒެމާ ވަރަށް މުހިންމު ވާނެއެވެ. އެހެންކަމުން މި ވަގުތު ހުރީ އޭނާ އަށް ރެސްޓު ދިނުމުގެ ވިސްނުން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
ރެއާލަށް ދެން އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާރްބީ ލައިޕްޒެގާ ދެކޮޅަށް ކުޅޭ މެޗެވެ. ރެއާލުން މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރުކޮށްފައިވުމުން އެ މެޗުގައި ބެންޒެމާ ނުކުޅޭނެ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތައް ބުނެއެވެ.
ބެންޒެމާ އަށް ރެސްޓު ދިނުމަށް އަންޗެލޮޓީ ބޭނުންވާއިރު ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ވެސް ބެންޒެމާ ވެގެންދާނީ ވަރަށް މުހިންމު ކުޅުންތެރިޔަކަށެވެ.