ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 19:50
އަލްއުސްތާޒު އިމާދު ސޯލިހު
އަލްއުސްތާޒު އިމާދު ސޯލިހު
ރާއްޖެއެމްވީ
މަސްތުވާތަކެތި
ރާއްޖޭގައިވެސް މަސްތުވާތަކެތި ބޭނުންކުރުން އެއްކޮށް ނައްތާލުމަކީ އުނދަގޫ ކަމެއް، އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރެވުނު ކަމެއް ނޫން: އިމާދު
އެންޑީއޭއަށް ގޮންޖެހުންތައް ގިނަ
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ސުމަކަށް ތިރިކުރުމަކީ އުނދަނގޫކަމެއްކަމަށް އެންޑީއޭއިން ބުނޭ

ރާއްޖޭގައިވެސް މަސްތުވަތަކެތި ބޭނުންކުރުން އެއްކޮށް ނައްތާލުމަކީ އުނދަގޫކަމެއް ކަމަށާއި، އެއީ ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރެވުނު ކަމެއް ނޫންކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެމްއޭ)ގެ އާ ސީއީއޯ އަލްއުސްތާޒު އިމާދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން ރަނގަޅުކުރުމަށް ކުރާ މަސައްކަތްތަކާމެދު ވާހަކަފުޅުދައްކަވަމުން އިމާދު ވިދާޅުވީ، އެންޑީއޭގެ މަސައްކަތްތައް ރަނގަޅުކުރުމަށް އެ އިދާރާގެ އިދާރީ ހިންގުމަށް ބަދަލުތައް ގެންނަމުންދާކަމަށާއި، ވަސީލަތްތައްވެސް އިތުރުކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކާއެކުވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ސުމަކަށް ތިރިކުރުމަކީ އުނދަނގޫކަމެއްކަމަށާއި، އެއީ ވަސީލަތްތައް ފުރިހަމަ، ކުރިއަރާފައިވާ ގައުމުތަކުގައިވެސް ކުރެވިފައިވާ ކަމެއް ނޫންކަމަށް އިމާދު ވިދާޅުވިއެވެ. އެމެރިކާފަދަ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެފަދަ ގޮންޖެހުންތައް ހުރިކަމަށް އިމާދު ވިދާޅުވިއެވެ. އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ފަރުވާ ހޯދަން މާލެ އަންނަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމިއްލައަށް އެދިގެން ފަރުވާއަށް އެދުމުގެ ފުރުސަތު މިހާރު ނެތްކަމަށާއި، އެ ފުރުސަތު ކުރިއަށް އޮތްތަނުގައި ހޯއްދަވައިދެއްވާނެކަަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.

އިމާދު ވަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް، އެފަދަ ކަމަކަށް ހުށަހެޅިދާނެ މީހުންނާއި ހުށަހެޅިފައިވާ މީހުން ކުރީބައިގައި ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އިސްލާހުވުމަށް އެކަށީގެންވާ ފުރުސަތުތަކެއް މިހާތަނަށް އައިއިރު ހޯދާދެވިފައި ނުވާކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވައި އެފަދަ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެެ. މިގޮތުން، ވަސީލަތުގެ ދަތިކަމާއި، ތަޖުރިބާހުރި މީހުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ، ކަންކަން ހައްލުކުރަން މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ފަރުވާ ލިބޭނެ އިންތިޒާމް ފޯރުކޮށްދިނުމަކީ އެންޑީއޭގެ އުންމީދެކެވެ.

- ކޮމެންޓް