ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 18:33
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް
ރޮއިޓާރސް
އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާދެއްވުން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާދެއްވައިފި
އިސްތިއުފާދެއްވާފައި މިވަނީ ގާތްގަނޑަކަށް 6 ހަފުތާވަންދެން މަސައްކަތްޕުޅުކުރެއްވުމަށްފަހު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އެކަމަނާ އިސްތިއުފާދެއްވާފައި މިވަނީ ގާތްގަނޑަކަށް 6 ހަފުތާވަންދެން އޮފީހުގައި މަސައްކަތްޕުޅުކުރެއްވުމަށްފަހުގައެވެ.

ލިޒް އިސްތިއުފާދެއްވާފައިވަނީ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ފުރިހަމަނުކުރެއްވޭކަމަށް ވިދާޅުވަމުންނެވެ. އެކަމަނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން ރިސެޝަންއާއި، ބާރަށް މައްޗަށް އަރަމުންދާ އިންފްލޭޝަންގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަގުބޮޑުވަމުން ދާ އެނަރޖީ ބިލްގެ މައްސަލަ ހައްކުރެއްވުމަށާއި، އަންނަން އޮތް ދުވަސްތަކަށް ފިއުލް ސަޕްލައި ޔަގީން ކުރެއްވުމަށް ހަފުތާއެއްހާ ދުވަހުގެ ތެރޭ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް މީގެކުރިން ހުންނެވީ (ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި) ޚާރިޖީ ވަޒީރުގެ މަގާމުގައެވެ. ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރު ހޮވުމަށް ޕާޓީގެ މެމްބަރުގެ މެދުގައި ނެގި ވޯޓު ލިޒް ޓްރަސް ކާމިޔާބުކުރެއްވީ ވޯޓުގެ 57 އިންސައްތަ އިންނެވެ. އޭނާއާ ވާދަކުރެއްވި ރިޝީ ސުނަކްއަށް ލިބިވަޑައިގެންނެވީ 43 އިންސައްތަ ވޯޓެވެ.

ލިޒް ޓްރަސްއަކީ އިނގިރޭސި ވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް ބޮޑުވަޒީރަކު މިހާ ކުރު މުއްދަތެއްގައި މަގާމުން އިސްތިއުފާދެއްވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް