ކ. މާލެ
|
20 އޮކްޓޯބަރ 2022 | ބުރާސްފަތި 17:39
އެންޑީއޭގެ ސީއީއޯއާއި ބޯޑު މެމްބަރުން
އެންޑީއޭގެ ސީއީއޯއާއި ބޯޑު މެމްބަރުން
ރާއްޖެއެމްވީ
އެންޑީއޭގެ މަސައްކަތްތައް
އާބާދީގެ %5 މަސްތުވާތަކެތި ބޭނުންކުރޭ: ގޮންޖެހުންތަކާއެކުވެސް އެންޑީއޭއިން އާ އުންމީދެއްގައި
ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ފޯރުކޮށްދިނުމަކީ އެންޑީއޭގެ އުންމީދެއް
އެންޑީއޭއަށް ބޭނުންވާ ފަންނީ މީހުން ނުލިބުމަކީ އެ އިދާރާގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއް

ރާއްޖޭގެ އާބާދީގެ 5 އިންސަައްތަ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާކަމަށް, ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތަަކަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންޑީއޭއަށް ބޭނުންވާ ފަންނީ މީހުން ނުލިބުމަކީ އެ އިދާރާގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ދާއިރާއިން ތައުލީމް ހާސިލްކުރާ މީހުން މަދުނުވިނަމަވެސް، އަމަލީ މައިދާނުގައި ހަރަކާތްތެރިވާ މީހުން މަދުކަަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ އެކަމުގެ ސަބަބެއްކަމަށް ބެލެވެނީ މި މަސައްކަތަށް ނުކުންނަ މީހުންނަށް ލިބޭ އުޖޫރަ އިންތިހާއަށް މަދުވުންކަމަށެވެ. ސޯޝަލް ވޯރކަރުންނަށް ލިބޭ އުޖޫރަ ރަނގަޅުކުރުމަށް ވަރަށް އަަވަހަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށާއި، އެ މަސައްކަތް ނިމުމުން، މީހުން ނުލިބުމުގެ މައްސަލަ ހައްލުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމަައުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބުންކަން ޝަމާއު ވަނީ ފާހަގަކުރައްވާފައެވެ.

ރަނގަޅުވާނެ. ކީއްވެ ނުވާންވީ؟ އެ މީހުން ގޯސްވީވެސް ރަނގަޅަށް ތިބެފައެއްނު. އެހެންވީމަ އެހެން މީހުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާނެ. މއީ ހަމައެކަނި އެންޑީއޭގެ ޒިންމާއެއް ނޫން. އެންމެންގެ ދައުރުވެސް ވަރަށް ބޮޑު. މީޑިއާގެ ދައުރުވެސް ވަރަށް ބޮޑު.
ޝަމާއު ޝަރީފް

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ބޯޑު މެމްބަރު އުސްތާޒު އަހުމަދު މައުރޫފް ވިދާޅުވީ، އެންޑީއޭގެ މަސައްކަތްތައް ރަނގަޅުކުރުމަށް އެ އިދާރާގެ އިދާރީ ހިންގުމަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި އެންޑީއޭގައި ބަޖެޓް ލީކެއް އުޅޭކަން ފާހަގަވެގެން އެކަމަށްވެސް ފިޔަވަޅު އަޅާފައިވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެންޑީއޭގެ ޒިންމާތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހިބިލިޓޭޓްކުރުމުގެ އިތުރުން މަސްތުވާތަކެތި ފަސޭހައިން ލިބުން ހުއްޓުވުން ހިމެނޭއިރު، ކުރިއަށްވުރެ ބޮޑަށް އެ އިދާރާގެ މަސައްކަތްތަކުން އެ މަގުސަދު ހާސިލްވާނެ ފަދަ ގޮތަކަށް ބައްޓަންކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ފޯރުކޮށްދިނުމަކީ އެންޑީއޭގެ އުންމީދެކެވެ.

- ކޮމެންޓް