ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 15:25
ދުނިޔޭގެ އެންމެ ހަގު މިނިސްޓަރު ރޮމީނާ ޕޮމޮޚްތާރީ
ދުނިޔޭގެ އެންމެ ހަގު މިނިސްޓަރު ރޮމީނާ ޕޮމޮޚްތާރީ
ވަޔަން
ދުނިޔޭގެ އެންމެ ހަގު މިނިސްޓަރު
ދުނިޔޭގެ އެންމެ ހަގު މިނިސްޓަރު އަނެއްކާވެސް ސްވީޑްންގައި
ސްވީޑްންގެ ކްލައިމެޓް މިނިސްޓަރު ރޮމީނާ ޕޮމޮޚްތާރީގެ އުމުރުފުޅަކީ 26 އަހަރު

އަންގާރަ ދުވަހު އެކުލަވާލެވުނު ސްވީޑްންގެ އައު ސަރުކާރުގައި ދުނިޔޭގެ އެންމެ އުމުރުން ހަގު ކެބިނެޓް މިނިސްޓަރު ހިމެނިވަޑައިގެންފިއެވެ. އެބޭފުޅަކީ އުމުރުފުޅުން 26 އަހަރުގެ ރޮމީނާ ޕޮމޮޚްތާރީއެވެ. ކްލައިމެޓް މިނިސްޓަރުގެ ޕޯޓްފޯލިއޯ ހަވާލު ކުރެވުނު ޕޮމޮޚްތާރީ ވަނީ ލިބަރަލް ޕާޓީގެ ޔޫތުވިންގުގެ ލީޑަރުގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވާފައެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ ހަގު ކެބިނެޓު މިނިސްޓަރުގެ މަގާމް އޮތީވެސް ސްވީޑްންގެ ބޭފުޅަކަށެވެ. އެއީ 2014 ވަނަ އަހަރު މިނިސްޓަރ ފޯ އަޕަރ ސެކަންޑަރީ ސްކޫލް، އެޑަލްޓް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގެ މަގާމް ހަވާލު ކުރެވުނު އާއިދާ ހަދްޒިއާލިކްއެވެ. އޭރު އޭނާގެ އުމުރަކީ 27 އަހަރެވެ. ދެއަހަރު މަގާމުގައި ހުންނެވުމަށްފަހު މަސްތުގެ ހާލުގައި ވެހިކަލް ދުއްވެވި ކަމުގެ ތުހުމަތުތަކަކާ ގުޅިގެން މަޖްބޫރުން މަގާމް ދޫކޮށްލައްވަން އާއިދާ އަށް ޖެހިވަޑައިގަތެވެ.

ސްވީޑްންގެ އައު ކްލައިމެޓް މިނިސްޓަރު އަދި އެންމެ ހަގު މިނިސްޓަރު ވަނީ ޔޫތު ވިންގުގައި ހުންނަވައިގެން ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާބެހޭ ގޮތުން މުހިންމު ހުށަހެޅުންތަކެއް ހިއްސާ ކުރައްވާ އަދި އެރޮގުން މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އެއްގަމު މަހުން ނަގާ ޓެކްސް އިތުރުކޮށް އެމަގުން ކުރެވޭ މަސައްކަތްތަކަށް އިތުރު ފައިސާ ހޯދުމަށް 2020 ވަނަ އަހަރު ހުށަހަޅުއްވާފައިވެއެވެ.  

ޕޮމޮޚްތާރީ އުފަންވެވަޑައިގެންފައިވަނީ ސްޓޮކްހޯމްގައި ދިރިއުޅޭ އީރާން ނަސްލުގެ އާއިލާއަކަށެވެ.

އައު ބޮޑުވަޒީރު އުލްފް ކްލިސްޓަރސަންގެ މަގާމު ކަށަވަރުވެ، އައު ސަރުކާރު އެކުލަވާލެވިފައިވަނީ މަހެއްހާ ދުވަހުގެ ވާހަކަތަކަށް ފަހުއެވެ.

ގައުމުގެ އިންފްލޭޝަން 10ވަރަކަށް ޕަސެންޓާ ގާތުގައި ހުރި އިރު، އަދި އިގްތިސާދު ރިސެޝަން އާ ދިމާއަށް ދަތުރު ކުރާއިރު އައު ސަރުކާރަށް ވަނީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

- ކޮމެންޓް