Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 22:53
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ
ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރަން އެމްޑީޕީ އިން ތްރީލައިން ވިޕެއް ނެރެފި
ތްރީ ލައިން ވިޕް ނެރެފައިވަނީ ޕީޖީ ގްރޫޕް ބައްދަލުވުމުގައި ހާޒިރުވި މެމްބަރުންގެ އިއްތިފާގުން
މިއީ ޓެކްސް ބޮޑުކުރާ ބިލް ފާސްކުރަން އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަށް ނެރުނު ވިޕެއް

ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަޙަޅާފައިވާ ބިލު ފާސްކުރުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ތްރީ ލައިން ވިޕް ނެރެފައިވަނީ އަންގާރަ ދުވަހު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށެވެ. ވިޕް ނެރުނީ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މި ތްރީ ލައިން ވިޕް ނެރުނީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލް އެ އޮތްގޮތަށް ފާސްކުރަން ވޯޓު ދިނުމަށް ކަމަށެވެ.

Advertisement

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ބުނެފައިވާ ގޮތުގައި ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މުދަލާއި އާމްދަނީން ނަގާ ޓެކްސް (ޖީއެސްޓީ) ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑުކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖީލީހުން ބަލައިގަނެފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ބިލް ހުށަހެޅުއްވީ އިހަވަންދޫގެ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައިވާއިރު އަންގާރަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޯރަމް ހަމަނުވުމުން އެހެން ދުވަހަކަށް މަސައްކަތްތައް ވަނީ ތާވަލު ކޮށްފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް