ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 07:52
ރެއާލްގެ ރައީސް ޕެރޭޒް
ރެއާލްގެ ރައީސް ޕެރޭޒް
ރޮއިޓާސް
ރެއާލް މެޑްރިޑް
އެމްބާޕޭއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އަޑު ވެސް ނާހަން: ޕެރޭޒް
އެ ކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށް، ޕެރޭޒް ވިދާޅުވީ އެ ކުޅުންތެރިންނަށް ބެލެންޑޯ އެވޯޑު ވެސް ކާމިޔާބު ކުރެވޭނެ ކަމަށް
އޭނާ ވިދާޅުވީ ވިނީޝިއުސް އާއި ރޮޑްރީގޯއާއެކު ރަނގަޅު މުސްތަޤުބަލެއް އޮންނާނެ ކަމަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑު ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އަޑު ނާހާ ކަމަށް ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ޕެރޭޒް މިހެން ވިދާޅުވީ ސްޕެއިންގެ އެލް ހާއުއޭރޯއާ ވާހަކަ ދައްކަމުންނެވެ. ކުޅިވަރުގެ ޕްރޮގްރާމްގައި ޕެރޭޒްއާ ސުވާލުކޮށްފައިވަނީ ރެއާލުން އެމްބާޕޭ ގެންނައުމުގެ ވިސްނުން ގެންގުޅެންތޯއެވެ. މީގެ ކުރިން ރެއާލުން ވަނީ އެމްބާޕޭ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތު އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރުމަށް ނިންމާފައެވެ. އެ ސުވާލާ ގުޅިގެން ޕްރޭޒް ވިދާޅުވީ އެމްބާޕޭއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް އޭނާ ވަރުބަލި ނުވާ ކަމާއި، އަދި އަމުދުން މިހާރު އެ ވާހަކަތައް އޭނާ ނުވެސް ބަލާ ކަމަށެވެ.

ނޫން. އެމްބާޕޭއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް އަހަރެން ވަރުބައްޔެއް ނުވޭ. އެކަމަކު އެމްބާޕޭއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އަހަރެން މިހާރު އަޑު ވެސް ނާހަން.
ފްލޮރެންޓީނޯ ޕެރޭޒް / ރެއާލް މެޑްރިޑުގެ ރައީސް

މީގެ އިތުރުން ޕެރޭޒް ވިދާޅުވީ ރެއާލްގައި މުސްތަޤުބަލު އޮތް މޮޅެތި ޒުވާން ކުޅުންތެރިން ތިބި ކަމަށެވެ. އޭނާ ވިދާޅުވީ ވިނީޝިއުސް އާއި ރޮޑްރީގޯއާއެކު ރަނގަޅު މުސްތަޤުބަލެއް އޮންނާނެ ކަމަށެވެ. އެ ކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށް، ޕެރޭޒް ވިދާޅުވީ އެ ކުޅުންތެރިންނަށް ބެލެންޑޯ އެވޯޑު ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޕެރޭޒް ވިދާޅުވީ އެމްބާޕޭ ނެތް ނަމަވެސް ރެއާލްގެ މަޤުސަދު ހާސިލްވާ ކަމަށާއި، ރެއާލަކީ ކާމިޔާބު ކުލަބެއް ކަމަށެވެ. އެގޮތުގައި ދެމި ތިބުމަށް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް ޕެރޭޒް ވިދާޅުވިއެވެ.

އެމްބާޕޭ ރެއާލަށް ބަދަލުވާނެ ކަމަށް ބެލެވިފައި އޮއްވާ، އޭނާ ވަނީ ޕީއެސްޖީން ހުށަހެޅި އައު އެއްބަަސްވުމުގައި ސޮއިކޮށްފައެވެ. އެއީ އޭނާ އަށް ދެމުން އައި މުސާރަ ބޮޑު ކުރުމުގެ އިތުރުން ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އޮތް އެއްބަސްވުމެކެވެ. އެކަމާ ގުޅިގެން އޭރު ޕްރޭޒް ވިދާޅުވީ އެމްބާޕޭ ރެއާލަށް ބަދަލުވާން ބޭނުންވި ކަަމަށާއި، ނަމަވެސް ޕީއެސްޖީން ބޮޑެތި ބާރުތަކެއް ދިނީ ކަމަށެވެ. އެކަމަށް އިޝާރަތްކޮށް ޕެރޭޒް ވިދާޅުވެފައިވަނީ ރެއާލްގައި އެކަން ނުވާނެ ކަމަށާއި، އެއްވެސް ކުޅުންތެރިޔަަކށް ކުލަބަށްވުރެ ބޮޑު ނުވެވޭނެ ކަމަށެވެ.

- ކޮމެންޓް