އިންސާނަކަށްވީތީ ކުށެއް ކުރެވިފައި ހުންނާނެ ކަމަށް ބުނެވުނު ނަމަވެސް އެއީ ކުށްބަހެއް ކަމަށާއި އެމަނިކުފާނު އެއްވެސް ކުށެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހއ. ކެލާގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ވެސް އިންސާނެއް ކަމަށާއި އެހެންވެ އެމަނިކުފާނު ވެސް ކުށް ކުރައްވާނެ ކަމަށެވެ. އަދި ކުށް ކުރެވިފައި ވެސް ހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުށް ކުރެވޭނެ ކަމަށެވެ. މިވާހަކަތައް ނޫސްތަކުގައި ރިޕޯޓުކުރުމާއެކު ބާރަށުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެގޮތަށް ވިދާޅުވީ ކުށް ކުރެއްވި ކަމުގެ މާނައިގައި ނޫން ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ގޯސް ހެދިފައި ހުންނާނެ ކަމަށް ވިދާޅުވުމަކީ ކުށް ބަހެއް ކަމަށެވެ. އެގޮތަށް ވިދާޅުވީ، ކުށް ކުރެއްވި ކަމުގެ މާނަ ދޭހަކޮށްދޭން ނޫން ކަމަށާއި އެމަނިކުފާނަކީ ކުށެއް ކޮށްފައި ހުންނެވި މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑަކީ ވެސް އިންސާނެކޭ އަޅުގަނޑަށް ވެސް ކުށްކުރެވޭނެއޭ. އެ ބުނި އެތި ކެންސަލް, އަޅުގަނޑު މިއީކީ ކުށެއް ކޮށްފައި ހުރި މީހެއް ނޫން. އަޅުގަނޑު ކުށެއް ނުކުރަން،ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވި ގޮތުގައި ކުށެއް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު ވިސްނެވުމުގައި އަދި އެކި ބޭފުޅުންނާ މަޝްވަރާކުރައްވައިގެން ކުރެއްވި ބައެއް ކަންކަން އެންމެ ފުރިހަމައަށް ނުކުރެއްވިފައި ހުރެދާނެ ކަމަށް ރިއާޔަތް ކުރައްވައި ކަމަށެވެ.
ދުވަހަކުވެސް ކުށެއް ކުރައްވާފައި ނުވާނެ ކަން ދޭހަވާގޮތަށް ޔާމީން ވާހަކަފުޅުދައްކަވާފައިވާއިރު އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ، ކޯޓުގައި ދަނީ ކުރިއަށެވެ.