ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ޔޫނިއަން ބާލިން ލީގު ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.
ބާލިންގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ޑޯޓްމަންޑުގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ. މެޗުގައި ބާލިންގެ ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. އެ ޓީމުގެ ދެ ލަަނޑު ވެސް ޖެހީ ޔަނިކް ހަބޭރާއެވެ. އެއީ މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، 21 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުންނެވެ.
މި ސީޒަނަކީ ބާލިން އިން ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ފުރަތަމަ ސީޒަނެވެ. ލީގު ތާވަލްގެ އެއް ވަނަ އަށް އެރިފަހުން އެ ޓީމުން އަންނަނީ މަގާމު ދަމަހައްޓަމުންނެވެ. ޑޯޓްމަންޑުގެ މެޗަށްފަހު ބާލިންގެ ކޯޗު ބުނީ ލީގުގެ މިހާތަނަށް ބާލިންގެ ކުޅުންތެރިން ދައްކާ ކުޅުމާއި، ޓީމު އޮތް ހިސާބާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ސީޒަންގެ ކުރީ ކޮޅު ރަނގަޅު ނަތީޖާތަކެއް ލިބި، ލީގުގެ ރަނގަޅު ހިސާބެއްގައި އޮތުމަކީ ވެސް ފަހަށް ރަނގަޅުވާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ބާލިންގެ ކުޅުންތެރިން މިހާރު ކުރާ މަސައްކަތް ކޮށްގެން އެ ޓީމަށް ކުރިއަށް ދިޔުމަށް އުނދަގޫތަކާ ކުރިމަތިނުވާނެ ކަމަށެވެ.
ލީގު އެއް ވަނަ މަގާމުގައި ބާލިން އޮތީ 10 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 10 މެޗުން 19 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ. ތިން ވަނައިގައި އޮތް ފްރެއިބާގަށް ލިބެނީ 18 ޕޮއިންޓެވެ.