އަދާލަތަށް ވަންނަނީ، ހެޔޮލަފާ މުއުމިނުންނަށް ވުމުގެ ނިޔަތުގައި ނަމަ، ދިންނަވާ ނަސީބު ލިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަރ ކަމަށްވާ އަދާލަތު ޕާޓީއަށް ވަދެގެން ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށާއި އެޕާޓީން އެހާވަރަށް ސިޔާސީ ކަންކަން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
އިމްރާން ވިދާޅުވީ އަދާލަތަށް ވަންނަނީ މީހުންނަށް އަނިޔާކުރުމާއި ވައްކަން ކުރުމަށް ނަމަ ކަމަށް ވާނަމަ، އަދާލަތަށް ވަންނަ ބަޔަކަށް ﷲގެ ދިންނެވުން ނުލިބޭނެ ކަމަށް ބުނާ ވާހަަކަ އަކީ ތެދެއް ކަމަށެވެ. އެހެންނަމަވެސް އަދާލަަތަށް ވަންނަނީ ﷲގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނުންނަށް ވުމުގެ ނިޔަތުގައި ނަމަ ދިންނަވާ ނަސީބު ލިބޭ މީހަކަށް ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ހއ. ގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ ގާތަށް އައިސް ވަކި މީހަކު ވިއްކަން އުޅުމަކީ އިލްމުވެރިންގެ ދައުރެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި، މި ސަރުކާރުން ފާހިޝް ކަންކަން ވަރަށް ބޮޑަށް އާންމުކޮށްފައިވާ ކަމަށް ވީ ނަމަވެސް އިލްމުވެރިން ގިނައިން ވާހަކަދައްކަވަނީ ސަރުކާރަށް ތާއީދުކޮށް ކަމަށާއި އެ ފަދަ ބޭފުޅުން އުޅުއްވަނީ ދުނިޔޭގެ އިއްޒަތާއި ލައްޒަތް ހާސިލުކުރަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.