ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 19:10
އެލާސައިން އައި ޑްރޮޕްސް
އެލާސައިން އައި ޑްރޮޕްސް
ގޫގުލް
ލޮލަށް އަޅާ ބޭހަކުން ޑިފެކްޓެއް ފާހަގަކުރެވުން
އެލަރސަން އައިޑްރޮޕްގައި ޑިފެކްޓެއް ހުރުމުން ބޭނުންނުކުރުމަށް އަންގައިފި
ބޭހާއި ގުޅޭ މައުލޫމާތެއް އެނގޭ ނަމަ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވަނީ އެދިފައި
193033L އާއި 200607L ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވޭ

ރާއްޖެއަށް އެތެރެކުރަމުންދާ ލޮލަށް އަޅާ ބޭހެއް ކަމަށްވާ އެލާސައިން އައި ޑްރޮޕްސްގެ ބެޗެއްގައި ޑިފެކްޓެއް ހުރިކަން ފާހަގަކުރެވިގެން އެ ބޭސް ބޭނުންނުކުރުމަށް އަންގައިފިއެވެ.

އެކަމާއި ގުޅިގެން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި، ބުނެފައި ވަނީ މެލޭޝިޔާގެ ކުންފުންޏަކުން އުދައްފާ އެލާސައިން އައި ޑްރޮޕްސްގެ ބެޗަކުން ޑިފެކްޓެއް ފާހަގަކުރެވިގެން އެކަން މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީ އިން އަންގާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ހުރިކަން ފާހަގަކުރެވުނު ބެޗްތަކުގެ ތެރެއިން 193033L އާއި 200607L ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީން އަންގާފައިވާ ކަމަށް ވެސް އެ އޮތޯރިޓީ އިން ބުނެއެވެ.

އެ އޮތޯރިޓީ އިން އިތުރަށް ބުނީ އެބޭހަކީ އެމްއެފްއޭޑީއޭގައި ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓް ކުރުމަށް ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމަނާފައިވާ ބޭހެއް ކަމަށެވެ. އެހެންކަމަށް ވުމާއި އެކު އެ ބޭސް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ގުޅިގެން ޑިފެކްޓް ހުރި ބެޗްތައް މާކެޓުން ނަގަމުން ނަގާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަދި އެ ބޭސް ބޭނުންކުރާ ފަރާތްތަކުން ތަކުންވެ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެ ޕޯޓްތަކުގައި ބަލައިފާސް ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެމްއެފްއޭޑީއޭ އިން ވަނީ އެ ބޭސްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

- ކޮމެންޓް