ކުރިއަށް އޮތް ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، ސިންގަޕޯރ އެއަރލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެ އެއަރލައިންގެ ބޮޑެތި ބޯޓުތައް ބޭނުންކުރަން ނިންމައިފިއެވެ.
ސިންގަޕޯރ އެއަރލައިންސްއިން ބުނެފައިވާގޮތުގައި، މި ދަތުރުތައް ރާއްޖެއަށް ފަށާނީ އޮކްޓޯބަރު 30ން ފެށިގެންނެވެ. އެގޮތުން، މި ދަތުރުތަކުގައި ބޭނުންކުރާނީ އެ އެއަރލައިންގެ އެންމެ ބޮޑެތި ބޯޓުތައް ކަމަށްވާ އޭ-350 މަރުކާގެ ބޯޓުތައްކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ޕީކް ސީޒަން ކުރިއަށްދެއެވެ. މިއީ ގިނަ ގައުމުތަކަށް ފިނި މޫސުމާ ދިމާވާ ދުވަސްވަރު ކަމަށްވާތީ، ރާއްޖެފަދަ ގައުމުތަކަށް އޮންނަ ޑިމާންޑް އޮންނަނީ އިތުރުވެފައެވެ.
ސިންގަޕޯރ އެއަރލައިންސްއިން ބުނާގޮތުގައި އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޮޑެތި ބޯޓުތައް ބޭނުންކުރަން ނިންމީ، ޕީކް ސީޒަންގައި ސިންގަޕޫރުގައި ރާއްޖޭގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ. އަދި އެ އެއަރލައިން މެދުވެރިކޮށް އޮސްޓްރޭލިއާއާއި ޔޫރަޕް އަދި އެމެރިކާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް މި ސީޒަނާ ދިމާކޮށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ސިންގަޕޯރ އެއަރލައިންސްއިން މިހާރުވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާބޯޓުތައް ބަދަލުކޮށްފައެވެ. އެގޮތުން، ކުރިން ދަތުރުތަކުގައި ބޭނުންކުރަމުން އައި އެ އެއަރލައިންގެ ސިލްކް އެއަރ ބޮއިންގ 737-800 މަރުކާގެ ބޯޓުތައް، ބޮއިންގ 737-8 މެކްސް މަރުކާގެ ބޯޓުތަކަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ބަދަލުކޮށްފައެވެ.
ސިންގަޕޫރާ ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގައި އޭ-350 މަރުކާގެ ބޯޓުތައް ބޭނުންކުރަން ފެށުމުން އެ އެއަރލައިންގެ ކެޕޭސިޓީ 20 އިންސައްތަ އިތުރުވާނެއެވެ. އެ އެއަރލައިނުން މި ބޯޓުތަކުގައި ދަތުރުކުރާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް އެ އެއަރލައިންގެ ބޮއިންގ 737-8 މެކްސް ބޯޓުތަކުގައި ޑެއިލީ ދަތުރުތައް އަދިވެސް ކުރިއަށްދާނެއެވެ.
ސިންގަޕޯރ އެއަރލައިނުން އޭ-350 މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރަން ނިންމާފައިވާއިރު، ޕީކް ސީޒަނާ ދިމާކޮށް އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރުގެ އާ ރަންވޭވެސް މިހާރު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވާފައެވެ.