އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަަމަށް އަންދާޒާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދަނީ ރަނގަޅު މިންވަރަކަށް ކަމަށެވެ. އަދި އިގްތިސާދު ވެސް ރަނގަޅުވަމުންދާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުވެރިން އައި މިންވަރަށްވުރެ ގިނައިން، 2023 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނައުމަށް ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިންގެ ޓާގެޓު މިއަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ދުވާލަކު އެވަރޭޖުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ހުރީ 2019 ވަނަ އަހަރާ އެއް ހަމައެއްގައި ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރު ދުވާލަކު 4،582 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދުވާލަކު 4،372 ފަތުރުވެރިން އަންނަމުންދާކަމަށެވެ.
އަންދާޒާކުރި މ،ިންވަރަށްވުރެވެސް ރަނގަޅަށް އިގްތިސާދު ޕަރފޯމް ކުރަމުންދާތަން މި ފެނިގެންދަނީފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 12 ގެ ނިޔަލަށް މި މަހު 54،869 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިން 8 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވާ މުއްދަތަށްވުރެ ދިގު މުއްދަތެކެވެ.