ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 09:14
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުން
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުން
އެންވަރަންމަންޓް މިނިސްޓްރީ
ކޮޕް 27 ޖަލްސާ
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
 
ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން، އަދި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ޒުވާނުން މި ބައްދަލުވުމުގައި ބައިވެރިވި

ނޮވެމްބަރ 2022 މިޞްރުގެ ޝަރަމުއްޝައިޚްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެން ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ކޮޕް 27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން 'މަލްޓި-ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވިތް ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަން' ގެ ނަމުގައި ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަޝްވަރާތަކާއި އެޅޭ ފިޔަވަޅުތަކުގެ އެންމެ ކުރީ ސަފުގައި ކުޑަކުދިންނާއި ޒުވާނުން ހިމެނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން، އަދި ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ސްރީލަންކާ އާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ޒުވާނުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ފައްޓަވާދެއްވި މި ޙަފްލާގައި، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ  ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މި ޙަފްލާގައި ސްރީލަންކާ އަދި ބަންގްލަދޭޝްގެ ހައިކޮމިޝަނަރާއި ޖަޕާންގެ ސަފީރު އަދި ދިވެހިރާއްޖޭގެ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އޭ.އައި. އަދި ޔުނިސެފްގެ ރީޖަނަލް އެޑްވައިޒަރު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮޕް27ގެ ކުރިން ބޭއްވި މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތް ކުރާ ސަރުކާރުގެ އިސް ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ކުންފުނިތަކާއެކު ޒުވާނުން މުޢާމަލާތްކޮށް، ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.

މި ބައްދަލުވުމުގެ ސެޝަންތަކުގައި މައިގަނޑު ތިން މައުޟޫއަކަށް ވާހަކަ ދެކެވި، މަޝްވަރާ ކުރެވިފައިވެއެވެ. 'ޕްލާސްޓިކް ފްރީ މޯލްޑިވްސް' އާއި 'ޕްރޮޓެކްޝަން އެންޑް ކޮންޒަވޭޝަން' އަދި 'އެނަރޖީ އެންޑް އިނޮވޭޝަންސް' މި ތިން މައުޟޫޢުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، މިފަދަ ކަންކަމުގައި ކުޑަކުދިންނާއި ޒުވާނުންނަށް އަދާކުރެވިދާނެ ދައުރު ވެސް ފާހަގަކޮށްފައިވެއެވެ.

މި ޙަފްލާގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިވެހި ޒުވާނުންގެ ޝުޢޫރުތައް ފާޅުކޮށް، އެފަރާތްތަކުން ސަރުކާރާއި ދުނިޔޭގެ ވެރިންނަށް ގޮވާލާ ގޮވާލުންތައް ހިމެނޭ ބަޔާނެއް ޙަފްލާގެ ބައިވެރިންނާއި ޙިއްސާކުރެވުނެވެ. އަދި މި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން ފާހަގަކޮށް، ކުޑަކުދިންނާއި ޒުވާނުންނަށް ފައިދާކުރާފަދަ ސިޔާސަތުތައް ޤާއިމުކުރުމަށް ވަކާލާތުކޮށްފައިވެއެވެ.

ޒުވާނުންގެ މި ބަޔާން މިސްރުގެ ޝަރަމުއްޝައިޚްގައި ބޭއްވޭ ކޮޕް 27 ޖަލްސާގައި ދިވެހިރާއްޖޭގެ ވަކާލާތުގައި ހިމެނޭނެކަމުގައި މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވިއެވެ.

ކޮމެންޓް