ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ވައިޓް އެލާޓް ނެރެފައިވަނި ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. މި ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 1:30 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު، ގުރުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައި ހުންނާނީ ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ހުރިހާ ފަރާތްތަކުން ވެސް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށެވެ.