ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 09:08
ލުއިސް ކަމްޕޯސް
ލުއިސް ކަމްޕޯސް
ޓްވިޓަރ
ޕީއެސްޖީ
ޕީއެސްޖީއާމެދު އެމްބާޕޭ ހިތްހަމަނުޖެހިއްޖެ، އެކަމަކު ކަމްޕޯސް އެ ވާހަކަތައް ދޮގުކުރޭ
ތަކުރާރުކޮށް ކަމްޕޯސް ވަނީ ޖެނުއަރީ މަހު އެމްބާޕޭ ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ދޮގުކޮށްފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެ ޓީމާ މެދު ހިތްހަމަނުޖެހޭ ކަަމަށް ދެކެވޭ ވާހަކަތައް ލުއިސް ކަމްޕޯސް ދޮގުކޮށްފިއެވެ.

ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ކަމްޕޯސް މިހެން ވާހަކަ ދެއްކީ އެމްބާޕޭ ޕީއެސްޖީއާމެދު ހިތްހަމަނުޖެހޭ ކަަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ވަގުތެއްގައެވެ. މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕީއެސްޖީގައި އެމްބާޕޭ މިހާރު ހުރީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ކުލަބު ދޫކޮށްލަން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޕީއެސްޖީން އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅިގެން ކަމްޕޯސް ބުނީ އެމްބާޕޭ އޭނާ ގާތު ނުވަތަ ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ ގާތު ޖެނުއަރީގައި ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ނުބުނާ ކަމަށެވެ. ކަމްޕޯސް ބުނީ ޕީއެސްޖީގައި އެމްބާޕޭ ހުންނަނީ ހިތްހަމަޖެހިގެންތޯ އަހަން ޖެހޭނީ އެމްބާޕޭ ގާތު ކަމަށެވެ. މީގެ އިތުރުން ކަމްޕޯސް ބުނީ އޭނާ އަށް ފެންނަނީ ޕީއެސްޖީގައި އެމްބާޕޭ ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

އެމްބާޕޭ އަހަރެން ގާތު ނުވަތަ ނާސިރު އެލް-ހެއްލާފީ ގާތު ނުބުނޭ، ޖެނުއަރީގައި ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކައެއް. އޭނާ ކުލަބުގައި ހުރީ ހިތްހަމަޖެހިގެންތޯ؟ އެ ސުވާލު އަހަން ޖެހޭނީ އޭނާ ގާތު. އެއީ ވަރަށް ސީރިއަސް ސުވާލެއް. އަަހަރެންނަށް އޭނާ ފެންނަނީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ތަން.
ލުއިސް ކަމްޕޯސް / ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު

ތަކުރާރުކޮށް ކަމްޕޯސް ވަނީ ޖެނުއަރީ މަހު އެމްބާޕޭ ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަ ދޮގުކޮށްފައެވެ. އޭނާ ބުނީ އެއީ ސައްޙަ މައުލޫމާތެއްގެ މައްޗަށް ފަތުރާ ވާހަކައެއް ނޫން ކަމަށެވެ. އޭނާ ބުނީ އެމްބާޕޭގެ އިތުރުން ލިއޮނެލް މެސީ އަދި ނޭމާ ޖޫނިއާއާ ވެސް ކުލަބުން ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިން ކުލަބުގައި ތިބުމަކީ އެމީހުން އުފާ ކުރާ ކަމެއް ކަމަށެވެ.

ކަމްޕޯސް ވަނީ އޭނާ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުކަމުން ވަކިވާން އުޅޭ ވާހަކަތައް ވެސް ދޮގުކޮށްފައެވެ. އޭނާ ބުނީ އެއީ ތެދެއް ނޫން ކަމަށާއި، ޕީއެސްޖީގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ކަމްޕޯސް ބުނީ އޭނާ ހުރީ ކުރިއަށް އޮތް ތިން އަހަރަށް އެއްބަސްވުމެއްގެ ދަށުގައި ކަމަށެވެ. އިތުރަށް ކަމްޕޯސް ބުނީ އޭނާގެ މިޝަން އަކީ ޕީއެސްޖީ އަށް މުހިންމު ތަށިތަކެއް ހޯދައިދިނުން ކަމަށެވެ.

އެމްބާޕޭގެ އެއްބަސްވުން ޕީއެސްޖީން އައުކުރީ ދާދި ފަހުންނެވެ. އޭނާ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ވެސް އޮތީ އޭރު ވާހަކަ ފެތުރިފައެވެ. ނަމަވެސް އެމްބާޕޭ ވަނީ 2025 ވަނަ އަހަރާ ހަމައަށް ޕީއެސްޖީގައި މަޑުކުރުމަށް އެއްބަސްވުން އައުކޮށްފައެވެ.

- ކޮމެންޓް