ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 23:06
ކުކުޅެއް
ކުކުޅެއް
ރާއްޖެއެމްވީ
ސަދަގާތް ކުރުން
ދިހަ އަހަރުވަންދެން ހުއްޓުމެއް ނެތި ދެ ކުކުޅުން ސަދަގާތްކުރި މީހެއްގެ ވާހަކަ
އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތްކުރުން
ސަދަގާތް ދިނުމަކީ ސިއްރާއި ފާޅުގައިވެސް ކުރެވިދާނެ ކަމެއް

ތިމާގެ އުމުރަކީ ކިހާ ދުވަހެއްކަމެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ނަމަވެސް އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން، ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިސްލާމްދީން އަޅުގަނޑުމެންނަށް ބާރުއަޅައެވެ.

އޭގެ އިތުރުން ގައިބާރު ދެރަވުމުގެކުރިން، ހެޔޮ އަމަލުކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތްކުރަންޖެހެއެވެ. އެހެނީ، ހެޔޮކަންތައް އިތުރުކުރުމަކީ ގަސްދަކާނުލައި ކުރެވޭ ނުރަނގަޅު ކަންކަމުންނާއި، ކުދި ފާފައިން މާތް ﷲ އަހަރުމެން ސަލާމަތްކުރައްވާނެ ކަމެކެވެ. ކީރިތި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބަލާއިރު، މާތް ﷲގެ ހަޒްރަތުގައި އެންމެ ހެޔޮކަން ބޮޑު އަމަލަކީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލެވެ.

އަހަރުމެން އިންސާނުން ކުރާ ހެޔޮ އަމަލުތަކުގެ ތެރޭގައި އެއިން ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރާނެ ގިނަ ހެޔޮ އަމަލުތަކެއްވެއެވެ. އޭގެތެރޭގައި ސަދަގާތްކުރުމަކީ ވަރަށްވެސް ހެޔޮކަން ބޮޑުވެގެންވާ އަމަލެކެވެ. އިޚްލާސްތެރިކަމަކީ ކޮންމެ ހެޔޮ އަމަލެއްގެ މައި ތަނބުކަމަށްވާއިރު ސަދަގާތް ކުރުމުގައި އިޚްލާސްތެރިވުން އެއީ ވަރަށް މުހިންމުކަމެކެވެ.

ސަދަގާތް ދިނުމަކީ ސިއްރާއި ފާޅުގައިވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މީގެތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ، ސިއްރުން ސަދަގާތް ކުރުމެވެ. އިޚްލާސްތެރިކަމާއެކު ސަދަގާތްކުރާ މީހާއަށް އެއީ ފާފަތަކުގެ ކައްފާރާއެކެވެ. އަދި އޭނާގެ ފާފަތައް ފުއްސަވައި، ތަނަވަސްވެގެންވާ ސުވަރުގެއާ ހަމައަށް އޭނާ ގެންގޮސްދޭނޭ ފާލަމެކެވެ.

ސަދަގާތް ދިނުން ލާޒިމްވެގެންވަނީ ބޮޑެތި އަދަދުތަކަކުންނެއް ނޫނެވެ. ބައެއް ފަހަރު މީހުންނަށް ހީވެފައި އޮންނަނީ ސަދަގާތް ދެވޭނީ ހަމައެކަނި ބޮޑެތި އަދަދުތަކުން ފައިސާދީގެން، ނުވަތަ އަގު ބޮޑު މުދަލެއްފަދަ އެއްޗެއް ދީގެންކަމަށެވެ. ނަމަވެސް ކިތަންމެ ކުޑަ މިންވަރަކުންވެސް ސަދަގާތް ކުރެވޭނެއެވެ.

ސިއްރުގައި ސަދަގާތްކުރާ މީހުން އަދިވެސް އެބައުޅެއެވެ. އެގޮތުން އަޅުގަނޑުމެންގެ މުޖުތަމައުންވެސް މި މަންޒަރު ފެންނަމުންދާތީ، އެއީ ހަގީގަތުގައިވެސް ވަރަށް އުފާވެރިކަން ގެނުވިކަމެކެވެ. އަޅުގަނޑުގެ ރައްޓެހި އާއިލާއަކީ ފުދިގެން އުޅޭ ބައެއް ނޫނެވެ. ގޭގެ ޚަރަދުތައް ބެލެހެއްޓުމާއި ދަރިންނަށް ޚަރަދުކުރުމަށްފަހު މަސް ނިމޭއިރު އަތުގައި މީރު އެއްޗެއް ކާނެ ވަރަކަށް ފައިސާއެއްވެސް ނުހުރެއެވެ. އެއްދުވަހަކު އެ އާއިލާގެ އަންހެން މީހާއަށް އައި ރައްޓެއްސެއްގެ ފޯނު ކޯލެކެވެ.

އެއީ ހުކުރު ދުވަހެކެވެ. ގޭގައި މިއަދު ކާން ހުރީ ކޯއްޗެއްތޯ ސުވާލުކުރިއެވެ. އަދި އެވަގުތު ގޭގައި ކާން ހުރި އެއްޗެއްގެ ފޮޓޯ ފޮނުވިއެވެ. އާންމު ގޮތެއްގައި ހުކުރު ދުވަހު ގިނަ ގޭގޭގައި ކާން ހުންނަނީ ކުކުޅު ތައްޔާރުކޮށްފައެވެ. އެހެންނަމަވެސް މިގޭގައި ހުރީ ވަރަށް އާދައިގެ ގޮތަކަށް ކައްކާފައެވެ. އެ ދުވަހަކަށްފަހު އެ އަންހެން މީހާގެ ރައްޓެހި މީހާ މެދުވެރިކޮށް، ނުވެސް ދަންނަ މީހަކު ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު އެ ގެއަށް ދެ ކުކުޅު ފޮނުވައެވެ. އެގޮތަށް ހުއްޓުމެއް ނެތި ސަދަގާތް ކުރާތާ މިވީ 10 އަހަރުކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނެވެ.

އެ ދުވަހު ހިތަށް އެރިއެވެ. ސަދަގާތް ކުރުން އޮންނަނީ ބޮޑެތި އަދަދުތަކުންނެއް ނޫނެވެ. ކިތަންމެ ކުޑަ މިންވަރަކުންވެސް ދެމެހެއްޓެނިވި ގޮތެއްގައި ސަދަގާތް ކޮށްފިނަމަ އެކަމުގެ އަޖުރު ބޮޑުވާނެއެވެ. އަދި އެންމެ މޮޅު އިތުރު ގޮތަކީ، ސިއްރުން ސަދަގާތްކުރުން ކަމަށްވާއިރު، މިފަދަ މީހުންނަށް މާތްﷲ ރަހުމަތް ލައްވައި، އެމީހުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަންވެސް ދެއްވާށިއެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާއެކު ހެޔޮ އަމަލު ކުރުމުގައި ދެމިތިބިހައި ހިނދަކު، ތިޔަބައިމީހުންނަށް ދަރުމަ ދެއްވުމުގައި މާތް ﷲ ދެމިވޮޑިގެންވާނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
12 އޮކްޓޯބަރ 2022 | ބުދަ 12:44
ހެޔޮއެދޭ.
ماشا الله. އެ ދީލަތި ދެމަފިރިންގެ މުދަލުގަ ބަރަކާތް ލައްވާ، އެބައިމީހުންގެ ފާފަ ފުއްސަވާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި. އާމީން.