ކުރިއަށް އޮތީ އިގްތިސާދީ ގޮތުން ދުނިޔެއަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދުގެ ހަތަރުބައި ކުޅަ ތިންބަޔަށްވުރެ ބޮޑު ބައެއް ހީނަރުވާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާ ކޮށްފައެވެ.
އެ ރިޕޯޓުގައި ސިފަ ކޮށްފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށް 2023 ހީވާނީ ރިސެޝަނެއް ގޮތަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ތިން އިގްތިސާދު ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ޔޫރަޕުގެ އިގްތިސާދު މަޑުޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
އައިއެމްއެފް އިން މިހާރު ލަފާ ކުރާ ގޮތުގައި އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ އެންމެ 2.7 އިންސައްތައެވެ. މިއީ މިއަހަރު ލަފާ ކުރި އަދަދަށްވުރެ އެއް އިންސައްތައިގެ ދަށްވުމެކެވެ. މި އަހަރަށް ލަފާ ކޮށްފައިވަނީ 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއީ 2001 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވުނު އެންމެ ބަލި "ގްރޯތް ޕްރޮފައިލް"އެވެ.
ދުނިޔޭގެ އިގްތިސާދަށް ކޮވިޑް-19 އާއި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު އިގްތިސާދު ރަނގަޅުވާނެ ކަމަށް ލަފާ ކުރަނީ ޤައުމުތަކުގެ މޮނިޓަރީ ޕޮލިސީ އާއި ޔޫކްރޭން ހަނގުރާމައަށް ވާ ގޮތަކާއި ކޮވިޑުގެ ހާލަތު ޤައުމުތަކުގައި އިތުރަށް ގޯސްނުވާ ނަމައެވެ.
އިގްތިސާދު ހީނަރުވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ތަކެތީގެ އަގުވެސް ބޮޑުވަމުންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަގު ބޮޑުވާނެ ކަމަށް ލަފާ ކުރާ ތަކެތީގެ ތެރޭގައި ތެލާއި ކާބޯތަކެތި ހިމެނެއެވެ.
މިއަހަރުގެ ފަހު ދެ ކުއާޓަރުގައި ދުނިޔގެ އިގްތިސާދުގެ ނެގެޓިވް ގްރޯތެއް އައިއެމްއެފް އިން ވަނީ ލަފާ ކޮށްފައެވެ.