ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 12:22
ސިޔާސަތުގެ ސަބަބުން 2007 ވަނަ އަހަރުން 2009 ވަނަ އަހަރަށް ދުނިޔެ ތަހައްމަލު ކުރި ހީނަރުކަމަށް ވުރެވެސް ހާލަތު ގޯސް ހީނަރުކަމަށް ވާނެ ކަމުގެ އިންޒާރު، ޔޫއެންސީޓީއޭޑީއިން ވަނީ ދީފައި
ދުނިޔޭގެ އިޤްތިޞާދު
ސިޔާސަތުގައި ހެދޭ ގޯހަކުން 2007 އަށްވުރެ ވަރުގަދަ އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ!
ހީނަރުކަމުގެ ފުން އަނދަވަޅެއްގެ ތުންފަތް މަތިން ސަލާމަތް ވުމުގެ ފުރުޞަތު އަދިވެސް އެބަ އޮތް
މިހާރު ކަން ހިނގަމުން ދާ ގޮތުން އެންމެ ބޮޑު އަނިޔާއެއް ލިބެނީ އެންމެ ނާޒުކު ހާލަތުގައި އޮތް އިޤްތިޞާދުތަކަށް
މި ހިނގާ 2022 ވަނަ އަހަރު، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 2.5 ޕަސެންޓަށް މަޑުޖެހޭނެ، އަދި 2023 ވަނަ އަހަރު 2.2 ޕަސެންޓަށް މަޑުޖެހޭނެ

ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި މިހާރު ތަންފީޒު ކުރަމުންދާ ވަރުގަދަ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކަށް އަވަސް ބަދަލެއް ނުގެނެސްފިކަމުގައި ވާ ނަމަ، ދުނިޔެ މިޞްރާބު ޖަހާފައި ވަނީ ހީނަރުކަމާ ދިމާއަށް ކަމަށާ، އަދި އެގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުންވެސް އެކަށީގެންވާ ކަމުގެ އިންޒާރު، ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އދގެ މަޖިލީސް (ޔޫއެންސީޓީއޭޑީ) އިން ހޯމަ ދުވަހު އާންމު ކުރި ރިޕޯޓަކުން ދީފިއެވެ.

ޔޫއެންސީޓީއޭޑީގެ އިސްވެރިޔާ ރެބެކާ ގްރީންސްޕޭން ވިދާޅުވީ، ހީނަރުކަމުގެ ފުން އަނދަވަޅެއްގެ ތުންފަތް މަތިން ސަލާމަތް ވުމުގެ ފުރުޞަތު އަދިވެސް އެބަ އޮތް ކަމަށެވެ. މިކަން ގުޅިފައި ވަނީ ސިޔާސަތު ކަނޑައެޅުމުގެ އިޚްތިޔާރުތަކާއި ޢަޒުމާ ކަމަށްވެސް ގްރީންސްޕޭން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު ކަން ހިނގަމުން ދާ ގޮތުން އެންމެ ބޮޑު އަނިޔާއެއް ލިބެނީ އެންމެ ނާޒުކު ހާލަތުގައި އޮތް އިޤްތިޞާދުތަކަށް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މީ ނާޒުކު ގުރޫޕުތަކަށް އެހީތެރިކަން އިތުރު ކޮށްދޭންވީ ވަގުތު. އޭގެ ތެރޭގައި ކުޑަ މުސާރައަކަށް މަސައްކަތް ކުރާ މީހުންނާއި، މާލީ ގޮތުން ތަކުލީފުތައް އުފުލަމުންދާ ގޭބިސީތައް ހިމެނޭ. އެމީހުންނަކީ އިޖުތިމާއީ ފެންވަރުގައި، ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ހިމާޔަތް ދެނިވި މަޝްރޫއުތަކަށް ބޭނުން ޖެހިފައިވާ ބައެއް.
ރެބެކާ ގްރީންސްޕޭން؛ ޔޫއެންސީޓީއޭޑީގެ ސެކްރެޓަރީ ޖެނެރަލް

ސިޔާސަތުތަކުގެ ސަބަބުން އުފެދޭ ހީނަރުކަމަކީ، 2007 ވަނަ އަހަރުން 2009 ވަނަ އަހަރަށް ދުނިޔެ ތަހައްމަލު ކުރި ހީނަރުކަމަށް ވުރެވެސް ހާލަތު ގޯސް ހީނަރުކަމަށް ވާނެ ކަމުގެ އިންޒާރު، ޔޫއެންސީޓީއޭޑީއިން ވަނީ ދީފައެވެ.

ހޯމަ ދުވަހު އާންމު ކުރި ރިޕޯޓްގައި ފާހަގަ ކޮށްފައި ވާ ބައެއް ކަންކަމަށް ބަލާއިރު މި ހިނގާ 2022 ވަނަ އަހަރު، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 2.5 ޕަސެންޓަށް މަޑުޖެހޭނެއެވެ. އަދި 2023 ވަނަ އަހަރު 2.2 ޕަސެންޓަށް މަޑުޖެހޭނެއެވެ. މި ބީދައިން ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުން، ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ އުޅޭނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރީގެ މިންގަނޑުތަކަށް ވުރެ ދަށުގައެވެ. އަދި އުފެއްދުންތެރިކަމުން އުނިވެގެންދާ ބައިން، މުޅި ދުނިޔެއަށް ލިބޭ ގެއްލުމުގެ އަގު، 17 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް  ދަރަނީގެ މައްސަލަތަކާއި ސިއްހީ އަދި މޫސުމީ ކާރިޘާތަކާވެސް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ.

ޔޫއެންސީޓީއޭޑީގެ ރިޕޯޓް ބުނާ ގޮތުން، ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމުގެ އަސަރު، ހުރިހާ ސަރަހައްދަކަށް ވަނީ ފޯރާފައެވެ. ވަކިން ހާއްސަ ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ އަހަރީ ކުރިއެރުމުގެ ދުވެލި 3 ޕަސެންޓް ދަށް ވެއްޓޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

- ކޮމެންޓް