ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 17:44
މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ރައްޔިތުންގެ މަޖިލިސް
ގާސިމް ހުށަހެޅުއްވި އިސްލާހުތައް
ޖިނާއީ އިޖުރާއަތާއި ގާނޫނުލް އުގޫބާތަށް ގާސިމް ހުށަހެޅުއްވި އިސްލާހުތައް ތަޅުމުން ބޭރު
ލިވާތުގެ ކުށާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެގޮތުގައި ކަނޑައަޅަން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި
އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅެމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅުއްވި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށާއި ގާނޫނުލް އުގޫބާތަށް، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހުތައް ބަލައިގަންނަން ނުފެންނަކަމަށް ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ބިލު ތަޅުމުން ބޭރުވީ 25 މެމްބަރުންގެ ވޯޓުންނެވެ. އެބިލް މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. މިއީ، ލިވާތުގެ ކުށާއި ސިހާގުގެ ކުށަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް ހުށަހެޅުއްވި އިސްލާހެކެވެ. ގާސިމް މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހުގައި ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.

ދެން ގާސިމް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށެވެ. އެއީ އިސްލާމް ދީނާ ދެކޮޅު އަމަލުތަކަކީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށެވެ. މިއިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. މިއިސްލާހު ބަލައިގަންނަން ނުފެންނަކަމަށް 22 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވިއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ބަޔާންކޮށްފައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ޖުނަހުގެ 1 ވަނަ ދަރަޖައެވެ. 2021 ވަނަ އަހަރު ގާނޫނުލްއުގޫބާތުގައި އެކުށް ބަޔާންކޮށްފައިވީ ނަމަވެސް ކުށުގެ އަދަބުގެ މިންވަރަކަށް ބަދަލެއްނާދެއެވެ. ގާސިމް ހުށަހެޅުއްވި މައްސަލައިގައި ވަނީ، އެ މާއްދާ އެގޮތަށް އޮތުމުން އިސްލާމް ދީނާއި، ކީރިތި ޤުރުއާން އަދި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް އެކަށީގެންވާ އަދަބެއް ނުދެވޭކަމަށާއި، އެކަން އެގޮތަށް ދިމާވާ އެއް ސަބަބަކީ މިހާރު އެފަދަ އަމަލަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބު ކުޑަވުމުންކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެފަދަ ކަންކަން ހައްލުކުރަން ގާނޫނުލް އުގޫބާތުގައި "އިސްލާމް ދީނާ އިދިކޮޅު އަމަލު" ކަމުގައި ބަޔާންކޮށްފައިވާ ކުށުގެ ދަރަޖަ ކަނޑައަޅައި، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައަޅަން ގާސިމް ވަނީ ހުށަހަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް