Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 14:02
މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލިސް
މެންބަރުންގެ އަދަދު އިތުރުނުވާ އިސްލާހުގެ ބިލް
މެންބަރުންގެ އަދަދު އިތުރުނުވާގޮތަށް ގާސިމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ތެރެއިން ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 7 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށް ވުރެ އިތުރު ނުވާ ގޮތް ހެދުމަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހުގެ ބިލް ބަލައިގަތުމަށް ނުފެންނަކަމަށް ފާސްކޮފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. ނުފެންނަކަމަށް 25 މެންބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެއާއެކު ބިލު ވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައެވެ.

ޤާސިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކަށް ވާން ޖެހޭނީ 87 ކަމަށެވެ. އަދި އިންތިޚާބީ ދާއިރާތަކުގެ ގޮތުގައި 87 އިންތިހާބީ ދާއިރާ ކަނޑައަޅާ އެ އިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބު ކުރަން ވާނީ އެންމެ މެމްބަރަކު ކަމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށީ އޮގަސްޓް 7، 2008 ގައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެއް ވަނީ ބާއްވާފައެވެ. އިންތިޚާބު ބާއްވާ ކޮންމެ ފަހަރަކު ވެސް މެންބަރުންގެ އަަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލީހުގައި ތިބީ 77 މެންބަރުންނެވެ. އަދި 2014 ވަނަ އަހަރު އިންތިޚާބު ކުރި މަޖިލީހުގައި 85 މެންބަރުން އަދި މިހާރު ކުރިއަށް ދާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން އެބަ ތިއްބެވެ.

Advertisement

އެހެންކަމުން މުސްތަގްބަލުގައި މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުން ދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް އެކަށީގެންވާ މިންވަރަށް ވުރެ ގިނަ މެންބަރުން ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިގުތިސާދީ އަދި އެހެނިހެން ގޮތްގޮތުން ވެސް އެކަން ގޮންޖެހުމަކަށް ވާނެކަން ފާހަގަކޮށް ގާސިމް ވަނީ މެންބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

ގާނޫނުއަސާސީގައި ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭނީ އެއް މެންބަރެކެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރަކު އިންތިހާބު ކުރަން ޖެހެއެވެ.

މިބިލްގެ ބަހުސް މަރުހަލާގައި މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް މެންބަރުން ތާއީދުކުރެއްވިއެވެ. ނަމަވެސް މެންބަރުންގެ އަދަދަކީ 87 ތޯ ކަނޑައެޅުމުގައި މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް