މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ ސައްޙަކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުގެ ޚާއްސަ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.
އާދިއްތަ ދުވަހު ނެރުނު މި ޑައިރެކްޝަނުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލު ކުރެވިފައިވަނީ ތުހުމަތު ކުރެވޭ މީހާގެ އަތުން، ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަ އެކަން ކަށަވަރު ކުރެވޭނެ ގޮތް ބަޔާން ކުރައްވާފައެވެ.
އެގޮތުން އެތަކެތި ހިފަހައްޓާ ފަރާތާއި، ޗެއިންގައި ހިމެނޭ އެންމެން ޝަރީއަތަށް ހާޒިރުކޮށްގެން އެކަން ކަށަވަރު ކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ޕްރެކްޓިސް ޑައިރެކްޝަން ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނެވެ.
މި ޕްރެކްޓިސް ޑައިރެކްޝަންގައި ވާ ގޮތުން ޗެއިން މެދުކެނޑި ނުވަތަ ސުވާލު އުފެދޭ ފަދަ ޙާލަތްތަކުގައި އެ ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތަށް ހާޒިރު ކުރުމަށް ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ ތުހުމަތުވާ މީހާގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭނަމަ، އެފަދަ ޙާލަތްތަކުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވީކަމަށް ބަލަންވާނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވެގެން ނުވަތަ ޗެއިންގައި މައްސަލަ ހުރިކަމަށް ބަޔާންކޮށް ދޭތެރެ ދޭތެރެއިން މީހުން ދޫވެއެވެ. އެގޮތުން ޗެއިން އޮފް ކަސްޓަޑީގައި މައްސަލަތަކެއް އުޅޭތީ ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ބަޔަކު ދާދި ފަހުންވެސް ވަނީ ދޫވެފައެވެ.
އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ، ހެކީގެ ގޮތުގައި ހިފެހެއްޓޭ ކޮންމެ އެއްޗަކާ ހަވާލުވާ މީހާއާއި، އެމީހާގެ ވަނަވަރާއި، ހަވާލު ކުރެވޭ ތާރީޚާއި ވަނަވަރު އެނގެންޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލައިގައި ހުށައެޅިފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގައި އެ ކަންކަން ފުރިހަމަ ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުށައެޅޭ ޗެއިން އޮފް ކަސްޓަޑީ ފޯމުތަކުގައި އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ހިސާބުން ފެށިގެން ތަހުލީލުކޮށް ނިމެންދެން, އެ ހެއްކެއް ނަގުލުވެގެން ދިޔަ ގޮތް ފެންނަން އޮންނަންޖެހޭކަން ފާހަގަކޮށް, ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި ހުށަހެޅިފައިވާ ތަހުލީލު ރިޕޯޓުތަކުގައި އެކަންކަން ފުރިހަމަ ނުވާކަމަށެވެ.
މިއީ 12 ޑިސެމްބަރު 2017 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނަކާ ގުޅިގެން ތަހުގީގުކޮށް ދައުވާކޮށްފައިވާ މައްސަލައެކެވެ. އެގޮތުން މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ޝަރީއަތް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެމީހުން ވަނީ ދޫކޮށްލާފައެވެ.