ނަފްސާނީ ބަލީގެ ފަރުވާގެ ފުރަތަމަ ފިޔަވަޅަކީ ބަލި ހުރިކަން ގަބޫލު ކުރުން ކަމަށް ޑރ. އުސާމާ އަލީ އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ގައި ވާހަކަދައްކަވަމުން ޑރ. އުސާމާ ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ބައެއް ފަރާތްތަކުން ވެސް އެ ބައްޔަކީ އެ މީހެއްގެ ގައިގައި ހުންނަން ޖެހޭ ބައްޔެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ބަލި ހުރުން ޤަބޫލު ކުރުމުގެ މާނައަކީ އަމިއްލައަށް ބަލި އެބަހުރި ކަމަށް ޑައިގްނޯސް ކުރުން ނޫން ކަމަށާއި އެއީ އެފަދަ ބައްޔެއް ޖެހިދާނެ ކަމަށް ގަބޫލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. އުސާމާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ނަފްސާނީ ބައްޔެއް ޖެހިދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ތިމާ މީހާ ބަލިކަށި މީހެއްކަމަށް ދެކޭ މީހުން ވެސް ތިބޭ ކަމަށާއި އެއީ ބަލިކަށިވެގެންވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައަކީ ބައެއް ބޭފުޅުންނަށް އެބަހީވޭ. މިއަކީ ހުންނަން ޖެހޭ އެއްޗެއް ނޫނޭ. އެންޒައިޓީއަކީ ހުންނަ އެއްޗެއް ނޫނޭ. ޑިޕްރެޝަނަކީ ތިމަންނައަށް ދުވަހަކު ދިމާވާނެ ކަމެއް ނޫނޭ. އެކަމަކު ކޮންމެ މީހަކަށް ވެސް ޑިޕްރެޝަން ކުޑަ މުއްދަތަކަށް ވި ނަމަވެސް ހަމަ ދިމާވެދާނެ.ޑރ. އުސާމާ
ޑރ. އުސާމާ ވިދާޅުވީ ބައެއް ފަރާތްތަކުން އެ ބަލި ގަބޫލު ނުކުރާއިރު ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހަކު އެކަމަށް ބޭސް ކުރާނަމަ އޭނާއަކީ "މޮޔަ" މީހެއްގެ ގޮތުގައި ވެސް ސިފަ ކުރާ ކަމަށެވެ. އަދި އެގޮތަށް ނިންމައި ބައެއް ފަހަރު އެހެން ބައެއް ފަރުވާތައް ވެސް ދޭ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ހާލަތު އިތުރަށް ގޮސްވާ ފަހަރުވެސް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އާއިލާގެ ތެރެއިން ބޭނުންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެފަދަ ބަލި ހުންނަ ފަރާތްތަކަށް އޭގެ ވާހަކަ ދައްކަން ފަސްޖެހި އެކަހެރިވާ ކަމަށާއި ބަލި އިތުރަށް ގޯސްވާކަން ވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ އާއިލާ ތެރޭގައި މިފަދަ ކަންކަމާމެދު މަޝްވަރާ ކުރެވޭ ފަދަ މާހައުލެއް ޤާއިމުވެފައި އޮތުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައިންބަފައިން ވެސް ގަބޫލެއް ނުކުރާނެ. ކުއްޖަކު މިސާލަކަށް އެންޒައިޓީ ނުވަތަ ޑިޕްރެޝަން ނުވަތަ އައިސޮލޭޓްވާން ބޭނުންވެއްޖެނަމަ ބައެއް ފަހަރު ޑައިގްނޯސް ކޮށްފަ އޮންނަނީ މިއަކީ ޖިންނި މޮޔަ ކުއްޖެކޭ. އެހާހިސާބުން އެބަހޯދާ މެޑިކަލް ފަރުވާ ނޫން އެހެން ފަރުވާތަކެއް. އޭގެ ސަބަބުން އެހެން ކޮމްޕްލިކޭޝަންތަކެއް ވެސް އައިސްފައި ހުންނަނީޑރ. އުސާމާ
ޑރ. އުސާމާ ފާހަގަކުރެއްވި ގޮތުގައި ނަފްސާނީ ބައްޔެއްގައި ދެވަނަ ފަރުވާއަކީ ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނުން ކަމަށެވެ. ކޮންމެ ކަމެއް ދިމާވިޔަސް އެކަމުން އަރައިގަނެވޭނެކަން ގަބޫލު ކުރާނަމަ އެފަދަ ބަލިތަކުން އަރައިގަންނަން ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.