Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 21:52
ނައިބު ރައީސް ފައިސަލް ނަސީމް އިންނަމާދޫ ކައުންސިލާ ބައްދަލުކުރައްވަނީ
ނައިބު ރައީސް ފައިސަލް ނަސީމް އިންނަމާދޫ ކައުންސިލާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ނައިބު ރައީސް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅު
އިންނަމާދޫ ކައުންސިލުން ބޭނުންވާ ކަންކަން ނައިބު ރައީސްއާ ހިއްސާކޮށްފި
އ.ތ.މ. ކޮމެޓީން ވަނީ، ރަށުގައި ފަތާ ފެންގަނޑަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަށް ބޭނުންވާކަން ފާހަގަކުރައްވާފައި
ނައިބު ރައީސް ވަނީ އިންނަމާދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވާލައްވައި، އެ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ރ. އިންނަމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އ.ތ.މ. ކޮމެޓީއާއި، އަދި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި، ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަމާއި، އަދި ބަނދަރާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ސްކޫލްގެ ޖާގައިގެ ދަތިތަކާއި، އަދި ދިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއްގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި، ރަށުގެ ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުމާ ބެހޭގޮތުންނާއި، ރަށުގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމާއި، ރަށުގައި ކުނި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތައް، މި ބައްދަލުކުރެއްވުމުގައި ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ، ރަށުގައި ފަތާ ފެންގަނޑަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން (ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ) ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއައްސަވައިގެން، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަންދެއްވައިގެންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންނަމާދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރ. އިންނަމާދުއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގެ ކުރިން އެމަނިކުފާނު ވަނީ، ރ. ވަންދޫއަށްވެސް ޒިޔާރަތް ކުރައްވައި، އެރަށުގައި ކުރިއަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލައްވައި، އެކަމާގުޅޭ މައުލޫމާތު ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހޯއްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް