ރަށަށް ފައިދާހުރި ކަންކަމުގައި ހުރިހާ ފަރާތްތައް ގުޅިގެން, އެކުވެރިކަމާއެކު ކުރިޔަށް ދިއުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ރ. މާކުރަތު ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި; ބަނދަރުގެ މަޝްރޫއު ކުރިއަށްދާއިރު ގެންނަން ބޭނުންވާ ބަދަލުތަކާއި، ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ބޭނުންވާކަމަށާއި، ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް ޚިދުމަތްދޭ ގަޑި އިތުރުކުރަން ބޭނުންވާކަމާއި، އަދި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް އަވަހަށް ގާއިމުކުރަން ބޭނުންވާކަމާއި، އަދި ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ އިތުރު ކަންކަން މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މާކުރަތު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މާކުރަތުގެ މުއައްސަސާތަކުން ފާހަގަކުރި ބައެއް ކަންކަމުގެ ތެރޭގައި; މިހާރުވެސް ސްކޫލްގައި ތަރައްގީކުރަމުންދާ ކްލާސްރޫމުތައް ހިމެނޭ އިމާރާތުގެ އިތުރުން މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ފާހަގަކުރިއެވެ. މީގެ އިތުރުން ޓީޗަރުން (ޚާއްސަކޮށް ސެންޓީޗަރުން) ހޯދުމުގައި ކުރިމަތިވާ ދަތިތައް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތުގެ ތަރައްގީއަށް ކުރިއަށްދާ މުހިންމު ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި، އެ މަޝްރޫއުތަކާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގައި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާކުރަތު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި އެ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.