ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 15:44
ނޭކުރެންދޫ ޖަލުގެ އެއްބަސްވުމުގައި ސޮއިކުރުން
ނޭކުރެންދޫ ޖަލުގެ އެއްބަސްވުމުގައި ސޮއިކުރުން
ހޯމް މިނިސްޓްރީ
ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލު
ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ފުރަތަމަ ފިޔަވަހީގެ ދަށުން ވަށާފާރު ރާނާނެ
މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
އަންނަ އަހަރު ޖަލުގެ އިތުރު މަސައްކަތްތައް ހަވާލުކުރާނެ

ހދ. ނޭކުރެންދޫ އިންޑަސްޓްރިއަލް ޖަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި ޖަލުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖަލުގެ ވަށާފާރު ރޭނުމުގެ މަޝްރޫއު ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ހޮނިހިރު ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރިޔާޒް އަލީއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހެވެ.

މި މަޝްރޫއުގެ ދަށުން ޖަލުގެ އުތުރުފަރާތުގައި 614 މީޓަރު ދިގު، އަދި 6.096 މީޓަރު އުސް ފާރެއް އިމާރާތްކުރާނެއެވެ. އަދި ހަލުގެ އިރުމަތީ ފަރާތު ފާރުން 462 މީޓަރު ދިގު އަދި 6.096 މީޓަރު އުސް ފާރެއް އިމާރާތްކުރާނެއެވެ.

މިއީ 15،395،833.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 250 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިއަދު މިއޮތް ކުށް ކުރުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ނޭކުރެންދޫގައި ގާއިމްކުރާ އިންޑަސްޓްރިއަލް ޕްރިޒަންއަކީ ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާނެކަން ޔަގީންކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ނޭކުރެންދޫ ޖަލުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ. މިހާރު އެތަނުގެ ކޮންސެޕްޓާއި ޑިޒައިންވެސް ނިންމާފައިވާކަމަށާއި، މިގޮތަށް މި މަަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.

- ކޮމެންޓް