މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބެލުމުގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ބޭނުންކުރަން ފަށައިފިއެވެ.
ބުރާސްފަތި ދުވަހު އާ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު އާ ރަންވޭއަށް ޖެއްސި ފުރަތަމަ ބޯޓަކީ ބޮއިން 777 މަރުކާގެ އެމިރޭޓްސްގެ ފްލައިޓެކެވެ. އަދި އާ ރަންވޭ ބޭނުންކުރަން ފެށި ފަހުން އެތަނުން ފުރަތަމަ ފުރާފައިވަނީ ޓަރކިޝް އެއަރލައިންގެ ބޯޓެކެވެ. އެ ބޯޓު ޖެއްސުމުން ވޯޓަރ ސެލިއުޓެއް ވަނީ އަރުވާފައެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ މި ރަންވޭގެ އަގަކީ 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާއެވެ.
ވީއައިއޭގެ ކުރީގެ ރަންވޭގައި ގަޑިއިރަކު ޖެއްސެނީ 8 ފްލައިޓެވެ. އާ ރަންވޭއާ އެކު ގަޑިއަކު 21 ފްލައިޓް ޖެއްސުމުގެ ގާބިލްކަން މިހާރު ވީއައިއޭ އަށް ލިބިގެންވެއެވެ. އެއާއި އެކު ވީއައިއޭގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އާ ރަންވޭ ހަދައި ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެހެންނަމަވެސް ޓީއެމްއޭގެ ކުރީގެ ޓާމިނަލް ނުނެގި ލަސްވުމާއި ގުޅިގެން ސަލާމަތީ ގޮތުން ފްލައިޓް އޮޕަރޭޓް ކުރަން ބޭނުންވާނޭ ހުސް ޖާގަ ނެތުމުން ރަންވޭ ބޭނުން ނުކުރެވެއެވެ. އެންމެ ފުރަތަމަ އެ ރަންވޭ ބޭނުން ކުރަން ފެށީ ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މީގެ އިތުރުން މިހާރު އާ ސީޕްލޭން ޓާމިނަލް ވެސް ބޭނުންކުރަން ފަށާފައިވުމާއި އެކު ކުރިއަށް އޮތްތަނުގައި ހިދުމަތް ދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އާ ރަންވޭގެ ދެކޮޅުގައި އިންސްޓްރުމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ވަނީ ހަރުކޮށްފައެވެ. އައިއެލްއެސް އަކީ މޫސުން ގޯސްވުމުން ވެސް، ފްލައިޓް ރަންވޭގައި ޖެއްސުމަށް ޕައިލެޓަށް އެހީތެރިވެދޭ ނެވިގޭޝަން ސިސްޓަމެކެވެ. މޫސުން ގޯސްވުމުން ފްލައިޓު ޖައްސަން އުދަނގޫވުމަކީ އެއާލައިންތަކުން ކެނޑިނޭޅި ކުރަމުން އައި ޝަކުވާއެކެވެ.
ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ޤާއިމްކޮށްފައިވާ އާ ރަންވޭ ހަދައިދިނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އާ ރަންވޭ ހަދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭ "ކޯޑް އެފް" ސްޓޭންޑަޑަށެވެ.