މިއަހަރުގެ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްއާ ދިމާކޮށް ޓްރެފިކަށް ބާރު ބޮޑުވުން ކުޑަކުރުމަށް ޤަތަރުގެ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގަޑި ކުޑަ ކުރަން ނިންމައިފިއެވެ.
ބުދަ ދުވަހު އެ ޤައުމުން ބުނީ ސަރުކާރު މުވައްޒަފުންގެ އިތުރުން ސްކޫލުތަކަށް ކުދިން ކިޔަވަންދާ ގަޑިތައް ވެސް ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ވޯލްޑް ކަޕްގެ ކުރިންނާއި ފަހުން ޓްރެފިކަށް ބާރު ބޮޑުވުން ކުޑަކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ނޮވެމްބަރު 20ން ޑިސެމްބަރު 18ށް އެއް މިލިއަނަށްވުރެން ގިނަ މީހުން އެ ޤައުމަށް ދާނެ ކަމަށް ބެލެވިފައިވާއިރު 8 ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި ޓްރެފިކް ކުޑަކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަރުކާރުގެ ކެބިނެޓު ބައްދަލުވުމަށްފަހު އޮފިޝަލަކު ވިދާޅުވީ ނޮވެމްބަރު އެކަކުން ޑިސެމްބަރު 19ށް އޮފީހަށް މަސައްކަތް ކުރުމަށް ނުކުންނާނީ އެންމެ 20 އިންސައްތަ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުން ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާނީ އެންމެ ހަތަރު ގަޑިއިރަށެވެ.
މީގެއިތުރުން ނޮވެމްބަރު އެކަކުން 17ށް ސްކޫލުތަކުގެ ކިޔެވުން ކުރިއަށްދާނީ ހެނދުނު 07:00ން މެންދުރާ ޖެހެންދެންނެވެ. އަދި ނޮވެމްބަރު 18ން ޑިސެމްބަރު 22ށް ސްކޫލުތައް ބަންދުވާނެއެވެ.
ވޯލްޑްކަޕުގައި ދިފާއީކަންކަން ވަރުގަދަ ކުރުމަށް އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގެ އެހީ ޤަތަރުން ދަނީ ހޯދަމުންނެވެ. މި ގޮތުން ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާ އަދި ޕާކިސްތާނާއި އިނގިރޭސި ސިފައިން ވެސް ޤަތަރުގެ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާން ވަނީ ނިންމާފައެވެ.
ޤަތަރަކީ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށްވުމުން މިކަމާމެދު ހިތްހަމަނުޖެހޭ ޖަމާއަތްތަކުން ޤަތަރަށް ވޯލްޑްކަޕް ދުވަސްވަރު ހަމަލާ ދީފާނެކަމުގެ ބިރު އޮތުމުން ޤަތަރުން ދަނީ ދިފާއީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކުރަމުންނެވެ.