ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 07:05
ފޯނުގެ ޗާޖަރުތަކެއް
ފޯނުގެ ޗާޖަރުތަކެއް
ބީބީސީ
ޔޫރަޕިއަން ޔޫނިއަން
ހުރިހާ ޑިވައިސެއްގައި ވެސް އެއްކަހަލަ ޗާޖިން ޕޯޓު ބަހައްޓަން ޖެހޭ ގޮތަށް އީޔޫ ޕާލިމަންޓުން ނިންމައިފި
މި ނިންމުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެޕަލް ކުންފުންޏަށް

ޔޫރަޕުގެ ޤައުމުތަކުގައި ބޭނުންކުރާ ހުރިހާ ޑިވައިސެއްގައި ވެސް އެއްކަހަލަ ޗާޖިން ޕޯޓު ބަހައްޓަން ޖެހޭގޮތަށް ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ޕާލިމެންޓުން ނިންމައިފިއެވެ.

މިއީ މިފަދަ ޖަމިއްޔާއަކުން އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހު އީޔޫ ޕާލިމަންޓުގައި މި ނިންމުމާ ގުޅޭގޮތުން ވޯޓު ނަގާފައިވާއިރު މި ނިންމުމާއެއްގޮތަށް 2024 ވަނަ އަހަރުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީޔޫ ޕާލިމަންޓުގެ މި ނިންމުމާއެކު 2024 ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ ޤައުމުތަކުގައި ވިއްކާ ކެމެރާތަކާއި މޯބައިލް ފޯނާއި ޓެބްލެޓު ފަދަ ތަކެތީގައި ހުންނަން ޖެހޭނީ ޔޫއެސްބީ ސީ ޕޯޓެވެ. މިއީ މިހާރު އެންޑްރޮއިޑް ޑިވައިސްތަކުގައި ބޭނުން ކުރަމުން އަންނަ ޕޯޓެވެ.

އީޔޫ ޕާލިމަންޓުގެ މި ނިންމުމާއެއެކު އެންމެ ބޮޑު އަސަރެއް ކުރާނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލް ކުންފުންޏަށެވެ. އެ ކުންފުނީގެ ގިނަ ޑިވައިސްތަކުގައި ހުންނަނީ ތަފާތު ޗާޖިން ޕޯޓެކެވެ. އެހެންނަމަވެސް މީގެ ސަބަބުން އެޕަލްއަށް ފައިދާ ވާނެ ކަމަށް ވެސް އެނަލިސްޓުން ލަފާ ކުރެއެވެ. އެއީ މި ނިންމުމާއެއްގޮތަށް އަމަލު ކުރަން ފެށުމުން އަލަށް ނެރޭ ޑިވައިސްތަކުގައި ސީ ޕޯޓު ހުރުމުން ކަސްޓަމަރުން އެ ޑިވައިސްތައް ގަންނާނެތީއެވެ.

މި ބަދަލު ގެންނަން އީޔޫ ޕާލިމަންޓުން ނިންމީ އައިފޯނާއި އެންޑްރޮއިޑް ބޭނުން ކުރާ ކަސްޓަމަރުންގެ ޝަކުވާތައް ގިނަވުމުންނެވެ. އެގޮތުން، އައިފޯނާއި އެންޑްރޮއިޑް ޑިވައިސްތައް ބޭނުން ކުރާ ކަސްޓަމަރުންގެ ޝަކުވާއަކަށްވެފައި އޮތީ އެކި ޑިވައިސްތަކަށް ތަފާތު ޗާޖަރުތައް ބޭނުން ކުރަން ޖެހުމުން ދަތިތަކާ ދިމާވުމެވެ.

އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާ ގޮތުގައި ފޯނާއި ކެމެރާ އާއި ޓެބްލެޓުގެ އިތުރުން އީ-ރީޑާސް އާއި އިއަރ ބަޑްސް އަދި އެ ނޫންވެސް ތަފާތު ޓެކްނޮލޮޖީތަކުގައި ވެސް ހުންނަ ޖެހޭނީ ސީ ޕޯޓެވެ. އެހެންކަމުން ސެމްސަންގު އާއި ވާވޭ ފަދަ ބޮޑެތި ކުންފުނިތަކަށް ވެސް މި ނިންމުމުގެ އަސަރު ކުރާނެ ކަމަށް އެނަލިސްޓުން ލަފާ ކުރެއެވެ.

އީޔޫ ޕާލިމަންޓުގައި މި ނިންމުން ފާސްކޮށްފައިވަނީ 602 ވޯޓުންނެވެ. އެ ނިންމުމާ ދެކޮޅަށް ލިބުނީ އެންމެ 13 ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް