ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 13:16
ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނަގާ މަރާލާފައިވަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި
ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނަގާ މަރާލާފައިވަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި
ރާއްޖެއެމްވީ
ރިޟްވާން ގެއްލުވާލި މައްސަލަ
ރިޟްވާންގެ މައްސަލަ ކުރީ ސަރުކާރުގައި މެންބަރުން މަޖިލީހަށް ހުށަނޭޅުއްވީ ކީއްވެތޯ ޖާބިރުގެ ސުވާލެއް
ރިޟްވާންގެ މައްސަލަ އެއިރުގެ މެންބަރުން ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު އުފެއްދި
ރައީސް ޔާމީންގެ ސަރުކާރުގައި މީހުން މަރަން ފެށި ސިލްސިލާ ދެމިގެންދާކަން ޖާބިރު ފާހަގަކުރެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލަ، އެއިރު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަނޭޅުއްވީ ކީއްވެގެންތޯ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލު އުފައްދައިވައިފިއެވެ.

ހުޅުމާލެއިން ގެއްލުނު ޒުވާނާ މުހައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލެއިން ފެނުމާއި ގުޅިގެން، އެ މަރުގެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ޖާބިރު ވިދާޅުވީ ފުރަތަމަ ކަމަކީ ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ދިޔަޔަސް ދާނީ ކައްޗަށް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލިފައިވާ ރިޟްވާން ކޮބައިތޯ އާއި، އެދުވަހު ކީއްވެގެންތޯ އެ މައްސަލަ މެންބަރުން ހުށަނާޅާ ނުވެއްދީ، މެންބަރު ޖާބިރު ސުވާލު އުފެއްދެވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ފުލުހުންނަށް ވަސީލަތްދޭން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެންމެ ފަހުން ފުލުހުންގެ މުސާރަ ބޮޑުކުރަން ހުށަހެޅި ބިލު ވެސް ބޭރުކޮށްލި ކަމަށެވެ.

ފުލުހުންގެ އަތުގައި ހުރި ވަސީލަތަކީ ކޮބައިތޯ؟ ޒުވާނުން މަރުވެގެން ވެއްޓިގެންދަނީ، ގައުމުގެ ލޯ އެންޑް އޯޑަރ ގެއްލިގެންދަނީ. ގައުމުގައި މަރުވާ މީހުން ގިނަވަމުން މިދަނީ. މިއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. މިއަދު މަރުވީ އަޒްހާން. މާދަން މަރުވާނީ ޖާބިރު. އަނެއް ދުވަހު މަރުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަނެއް ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. އެގޮތަށް އޯޑަރު މިދަނީ
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކުރީ ސަރުކާރުގައި ގިނަ އަދަދެއްގެ ބަޔަކު ވާނުވާ ނޭނގި މަރުވުމާއި މީހުން ގެއްލިފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ މި ސަރުކާރު އައި ފަހުން މީހުން މަދުން މަރުވާ ކަމަށާއި، އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަންޖެހޭ ކަމަށެވެ.

ޔާމީން އިރުގައި އަޅުގަނޑުމެން އެންމެން މަރާލައިފި. ދުނިޔޭގައި ތިބި މީހުން ވެސް މަރާލައިފި. ކޮބައިތޯ އެ މައްސަލަ. އެފަހުން ތަކުރާރަށް މި މައްސަލަ ކުރިއަށް މިދަނީ. މީހުން މަރުވަނީ. ޑިފެންސް މިނިސްޓަރަކަށް ހުރެގެން ރިޟްވާން ގެއްލިގެން އަދާހަމައަށް މި ދެވެން ޖެހުނީ ކީއްވެގެންތޯ؟ އެކަމުގެ ސުވާލު މި މަޖިލީހުގައި އުފައްދާ އުފައްދާ މިތިބެނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ބޮން ގޮއްވާލި މައްސަލަ ކީއްވެގެންތޯ ނުބެލުނީ
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރުގެ މި ވާހަކަފުޅާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޖާބިރު އެ ދައްކަވާ ރިޟްވާންގެ މަރުގެ މައްސަލައަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ރަނގަޅަށް ބެލި މައްސަލައެއް ކަމަށެވެ.

އެއީ ނިޒާމީ ނުކުތާއެއް ނޫންކަމަށް ނިންމަވާ އަލުން މެންބަރު ޖާބިރަށް ފުރުސަތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ޖާބިރު އެ ފާހަގަކުރައްވަނީ 5 ދިގު އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް އެކަމާއި ގުޅޭގޮތުން ކަމެއް ފެނިފައި ނުވާކަން އެއީ އެއް ހަގީގަތް ކަމަށެވެ. އަދި 4 މި ދިގު އަހަރު ނިމިގެންދާ އިރުވެސް އެކަމުގައި ކަމެއް ނުވާ ވާހަކަ އެއީ އަނެއް ހަގީގަތް ކަމަށެވެ.

މެންބަރު ޖާބިރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އޭނާގެ ދައުރު އަދާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އަމާނާތްތެރިކަމާއެކު ހުވަޔާއެއްގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަމުންދަނީ ލާބަޔާއި މަންފާއަށް ކަމަށާއި، މަސައްކަތް ކުރައްވަނީ މުޅި ޕްރޮގްރާމް އޮޅުވާލައިގެން ކަމަށާއި، އެހެން ވެގެން ނުވާނެ ކަމަށެވެ.

ބައެއްގެ ބޮލަށް ކަމެއް ޖެހުމެއް ނޫން. ދިވެހި ރާއްޖޭގެ ފުލުހުންނަށް ކުރެވެން އޮތް ކަމެއް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަން އަޅުގަނޑު ގަބޫލުކުރަން. ފުލުހުން ކުށްވެރިއެއް ނުވާނެ. ފުލުހުންގެ ތެރޭގައި އެބައުޅޭ ވަރަށް ގޯސް ބޭފުޅުން ވެސް. އެބޭފުޅުން ދުރުކުރުމަކީ ފުލުހުން ބަލަހައްޓާ ބޯޑުގެ ކަމެއް، މި މަޖިލީހުގެ ކަމެއް. ސިފައިންގެ ތެރެއިން ގޯސް ތިބެއްޖެއްޔާ އެމީހުން ބޭރުކުރާށޭ. މުޅި ފުލުސްފޯސް ފެއިލްވެއްޖެކަމަށް ނުބުނެވޭނެ
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައާއި، ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ނިމިގެންދިޔަ ސަރުކާރުން މަސައްކަތް ނުކުރާތި އެ ފާޑުކިއުންތައް އެ ސަރުކާރަށް އަމާޒުވިއެވެ. އަދި އެއިރުގެ ރައީސް ޔާމީން ވެސް އެ މައްސަލައަކީ މާބޮޑު މައްސަލައެއްކަމަށް ދެކެވަޑައި ނުގަންނަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވާތީ، އެކަމުގެ ފާޑުކިއުން ވެސް އެމަނިކުފާނަށް އަމާޒުވިއެވެ.

- ކޮމެންޓް