ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 05:24
ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓުގައި ރައީސް، އެމްޔޫ މަނިކުއާ އެވޯޑު ހަވާލުކުރައްވަނީ
ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓުގައި ރައީސް، އެމްޔޫ މަނިކުއާ އެވޯޑު ހަވާލުކުރައްވަނީ
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ރަން އަހަރު
ސްކޫލް ދައުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލޯބި ޖައްސަން ޖެހޭ: އެމްޔޫ މަނިކު
ދާއިރާ ދެން ކުރިއަށްގެންދިއުން އޮތީ ޒުވާނުންގެ އަތުގައި ކަމަށް ވިދާޅުވި
ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި ތަމްރީނު ކުރަން ޖެހޭ ކަމަށް ވިދާޅުވި

ސްކޫލް ދައުރުން ފެށިގެން ކުދިންގެ ހިތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލޯބި ޖައްސަން ޖެހޭ ކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ އަދި ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް ކުންފުނިކަމަށްވާ ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެެއެވެ.

އުމަރު މަނިކު މިފަދައިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ގާލާ ނައިޓުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ 50 އަހަރު ވަންދެން ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެ ކަމަށެވެ. އެ ދާއިރާ ދެން ކުރިއަށްގެންދާންވީ ގޮތާ މެދު ވިންސަން ޖެހޭ ކަމަށާއި އެކަން އޮތީ ރާއްޖޭގެ ޒުވާނުންގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި މީހުން ބޭނުންވާ ގިނަ އަދަދެއްގެ ދާއިރާތައް އެބަހުރި ކަމަށެވެ. އެގޮތުން، ފްރޮންޓް އޮފީހާއި އައިޓީ ދާއިރާ އާއި އިންޖިނިއަރިންގ އާއި އެފްއެންބީ ފަދަ ދާއިރާތަކަށް ގިނަ ފުރުސަތުތަކެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު މަނިކު ވިދާޅުވީ ގިނަ ވަޒީފާގެ ފުރުސަތުތައް ހުރިއިރު އެ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަކީ ސަރުކާރުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ރިސޯޓުތަކުގެ ވެރިންގެ ވެސް ޒިންމާއެއް ކަމަށެވެ.

އެއީ އަޅުގަނޑުމެންގެ ވާޖިބެއް. ސަރުކާރު އެކަންޏެއް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ވެސް ތައްޔާރުވާންވީ، އިންޑަސްޓްރީ މީހުން، މީހުން ޓްރެއިނިންގ ޕްރޮގްރާމުތަކަށް. ވަރަށް ބޮޑަށް ޖެހޭ މީހުން ޓްރެއިން ކުރަން.
ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން / މުހައްމަދު އުމަރު މަނިކު

ރާއްޖޭގެ ހުރިހާ ކަމެއް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާކަން ފާހަގަކުރައްވައި އުމަރު މަނިކު ވިދާޅުވީ ސްކޫލް ދައުރުން ފެށިގެން އެ ދާއިރާއަށް ކުދިންގެ ހިތްތަކުގައި ލޯބި ޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން، ސްކޫލްތަކުގައި ވޮކޭޝަނަލް ޕްރޮގްރާމުތައް ކުރިއަށްގެންދިއުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މިގެ ކުރިން އިރެއް ދިޔަ އެއްވެސް ކިޔަވާ ކުއްޖަކު ރިސޯޓަކަށް އަރައިގެން ނުވާނެއޭ ކިޔާފަ ލިޔުމެއް. ނޫލިޔުމެއް އޮންނާނެ އަދިވެސް. އެހެންވީމާ އަޅުގަނޑުމެން މިކަހަލަ ކަންތައް ވިޔަނުދީ ކިޔަވާ ކުދިންނަށް ސަބްޖެކެޓެއް ގޮތަށް ވެއްޖެ، ވޮކޭޝަނަލް ގައިޑެންސެއް ގޮތަށް މިކަންތައް ކުރަން (ކިޔަވައިދޭން).
ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން / މުހައްމަދު އުމަރު މަނިކު

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހިސާބާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އުމަރު މަނިކު ވިދާޅުވިއެވެ. އަދި ކޮންމެ ސަރުކާރެއް އައި ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ގުޅިގެން ދާއިރާއަށް ހީނަރުކަން ނާންނެގޮތަށް މަސައްކަތް ކުރަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް