ފްރާންސްގެ ބޮޑެތި ސިޓީތަކަކުން, މިފަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމާއި ދެކޮޅުކަން ހާމަކޮށް ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
ފްރާންސްގެ ބޮޑެތި ސިޓީތައް ކަމުގައިވާ ލިލް, ސްޓްރަސްބާގް އަދި ބޯޑެކްސްގައިވެސް މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފޭން ޒޯންއާއި ބޮޑެތި ސްކްރީން ބެހެއްޓުން ވަނީ މަނާކޮށްފައެވެ. މި ސިޓީތަކުން މިގޮތަށް ނިންމީ ވޯލްޑް ކަޕް ބޭއްވުމަށްޓަކައި ގަތަރުން އިންސާނިއްޔަތާއި ޚިލާފަށް އަދި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ބޮޑެތި ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެއެވެ.
އެގޮތުން މި ސިޓީތަކުގެ މޭޔަރުން ވަނީ މުބާރާތް ބޭއްވުމަށް ބިނާކުރި ސްޓޭޑިއަމްތައް އިމާރާތް ކުރުމުގައި އެތައް މަސައްކަތްތެރިންނެއްގެ ފުރާނެ ގެއްލިފައިވާކަން ފާހަގަކޮށްފައެވެ. އަދި ގަތަރުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އިންސާނިއްޔަތާ ޚިލާފުވާ ގޮތަށް ގަތަރުން އަމަލުކޮށްފައިވާ ކަމަށްވެސް މި ސިޓީތަކުގެ މޭޔަރުން ވަނީ ބުނެފައެވެ. މީގެ އިތުރުން މުބާރާތް ބާއްވާ ސްޓޭޑިއަމްތައް ފިނި ކުރުމަށްޓަކައި ތިމާވެއްޓަށް ގެއްލުން ލިބޭ ގިނަ ކަންތައްތަކެއް ގަތަރުން ކޮށްފައިވާކަން ފާހަގަކުރިއެވެ.
މި ސިޓީތަކުން މުބާރާތް ގަތަރުގައި ނުބޭއްވުމަށް ނިންމީ މިފަދަ ހައްގުތައް ދިފާއު ކުރުމަށްޓަކައެވެ. އަަދި ގަތަރުން ކުރާކަމަށް ތުހުމަތުކުރާ ނޭއެއްގާނީ އަމަލުތައް ޕްރޮމޯޓް ނުކުރުމަށް ކަމަށް ބުނެއެވެ.