ސަރުކާރުން ނަގާ ފިޔަވަޅަކުން ފަތުރުވެރިކަން ރަނގަޅުވެސް ވެދާނެ، ހަލާކުވެސް ވެދާނެކަމަށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ބޮޑު އަދި އެންމެ ގިނަދުވަސްވީ އެއް ކުންފުނިކަމަށްވާ ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި، ރާއްޖޭގެ ފުރަތަމަ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީ އިން ކުރިއަށް ގެންދިޔަ ރަން 50 ކަވަރޭޖަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ ކުރިމަގު ބިނާވަނީ ސަރުކާރުގެ ޕޮލިސީތަކަށް ކަމަށެވެ. އެހެން ގައުމުތަކުގައި ރާއްޖެ އަށް ވުރެ ފުރިހަމަ ވަސީލަތްތައް ހުރި ނަމަވެސް ރާއްޖެ ފަދަ ޕްރޮޑަކްޓަކަށް އެ ގައުމުތައް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރަހައްދީ އެހެން ގައުމުތަކުގައި ފަތުރުވެރިކަން ކުރި އަރައިފި ނަމަ އެކަން ވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނިޒާމަށް އަސަރުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމަކީ ކުރިއަރުވަން އަބަދުވެސް މަސައްކަތްކުރަން ޖެހޭ ސިނާއަތެއް ކަަމަށާއި އެ މަސައްކަތް ދެމެހެއްޓެނެވި ގޮތެއްގައި ނުކުރާ ނަމަ ފަތުރުވެރިކަން ކުރިއަރައިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
3 ކޮޓަރީގެ ގެތައް ހިމެނޭހެން 30 ކޮޓަރި އާއި އެކު ރާއްޖޭގައި ފެށި ފަތުރުވެރިކަން މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރިހާ މާކެޓަކަށް ޚާއްސަކޮށްގެން އެނދުތައް ޤާއިމްކޮށްފައިވާ ކަމަށާއި އެއީ ރަނގަޅު ކުރިއެރުމެއް ކަަމަށެވެ. އެގޮތުން ހޯމް ސްޓޭ އާއި، ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން އެކި ފަންތީގެ ރިސޯޓްތައް ރާއްޖޭގައި ޤާއިމްކޮށްފައި ވުމަކީ ތަފާތު މާކެޓްތަކުން ރާއްޖެ އަށް މީހުން އައުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އުޖާލާ ވަނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެހެންނަމަވެސް ފަންސާސް އަހަރު ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓާ ދިނީ ކުރިން ބަޔަކު ކުރި މަސައްކަތުން ކަމަށާއި ކުރިމަގުގައި މި ދާއިރާ ކުރިއަރުވާނެ އިތުރު ބަޔަކު އުފެދުމަކީ ވެސް މުހިންމު ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ސިނާއަތުގެ މީހުންނާއި ވާހަކަދައްކައިގެން ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރުތަކުން އަދާކުރަން ޖެހޭ ދައުރު ވަރަށް ބޮޑުކަމަށް އުމަރު މަނިކު ވަނީ ވިދާޅުވެފައެވެ.
50 އަހަރު ވަންދެން އަޅުގަނޑުމެން ބަލަހައްޓައިފިން. ޓޫރިޒަމް ކުރިމަގު އެބައޮތް. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ކުރަން ތިބި މީހުން ވެސް ޖެހޭނީ ވަރަށް އެކަމައިގެން ހިފަން. ސަރުކާރު ޕޮލިސީތައް ވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ. އިންޑަސްޓްރީގެ މީހުންނާއި ވާހަކަދައްކަން ޖެހޭ.މުހައްމަދު އުމަރު މަނިކު
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އަގުބޮޑުކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަގު ބޮޑުވަނީ ރާއްޖެ އަކީ ހުރިހާ މުދަލެއްހެން އިމްޕޯޓްކޮށްގެން ހޯދާ ޤައުމަކަށް ވުމުން ކަމަށެވެ. އެހެންކަމުން އަގުގެ ގޮތުން ބަލާ އިރު އަގު ހެޔޮ ތަނަކަށް ރާއްޖެ ނުވި ނަމަވެސް މާބޮޑަށް އަގު ބޮޑުވުމަކީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުން ރާއްޖެ އަށް އެކަށީގެންވާ ފައިދާ ނުލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު މަނިކު ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ ދައުރު ނުވެގެން އެހާ ބޮޑަށް ދަތިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ. ފަތުރުވެރިކަމުން ލިބޭ މަންފާ ރާއްޖެ އަށް ލިބުން ހަރުދަނާކުރުމަށާއި، ބޭރު ފައިސާ ރާއްޖޭގެ އިގްތިސާދުގައި ދައުރުވުން އިތުރުކުރުމަށް ސަރުކާރަށް ފިޔަވަޅުތައް އެޅިދާނެ ކަަމަށާއި ރިސޯޓްތައް ހިންގަނީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެކުލަވާލާފައި އޮންނަ ގަވާއިދާއި އެެއްގޮތަށް ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫރަޕް ފްލައިޓް އަގުބޮޑުވާ ވަރަކަށް ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރާ ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ. ފަތުުރުވެރިކަމުގެ ދާއިރާއާ މެދު އިތުރަށް ވާހަކަދައްކަވަމުން އޭނަ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ހޯދުމަށް ދަތިވާކަން ފާހަގަކުރައްވާފައެވެ.
މިހާރު މީހުން ނުވަނީ އިނގޭތޯ. މިހާރު ވަރަށް މަސައްކަތްކޮށްގެން 40-50 ހަމަވަނީ. އިންޑަސްޓްރީ އިތުރުވާ ވަރަކަށް މޭން ޕަވަރ އެއް ނެތޭ. މިއީ ހަމައެކަނި މި ސިނާއަތަށް ދިމާވެފައިވާ މައްސަލަ އެއް ނޫން.މުހައްމަދު އުމަރު މަނިކު
ފަތުރުވެރިކަމުގެ ދާއިރާގެ ހަގީގަތް ހޯދަން ސަރުކާރުން ވެސް ކަންކަން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ފަތުރުވެރިކަން އިތުރުވަމުންދާއިރު މި ސިނާއަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.