ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 17:57
އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްޤާދިރު
އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްޤާދިރު
ރާއްޖެއެމްވީ
އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްޤާދިރު
އިހުސާސްތައް ބުނެ ނުދެވުނަމަވެސް ކިޔެވި ޤުރުއާނާއެކު މުޅި ދުނިޔެ އަޖައިބުކޮށްލައިފި
އިހުސާސްތައް އަދިވެސް ބޭރު ކުރަނީ ރުޅި ދެއްކުމުންނާއި ރުއިމުން
ތަޖުވީދު މަގަށް ނަބީހު ޤުރުއާން ކިޔެވުމުން އަޖައިބުވި
މިއީ މާތްﷲ ދެއްވި ޚާއްސަ ރަހުމަތެއް

އައިމިނަތު މުހައްމަދާއި އަބްދުލް ޤާދިރު ޤާސިމްގެ ކައިވެންޏަށް މިއަހަރު 26 އަހަރު ފުރިފައިވާއިރު އެމީހުންގެ ފަސް ދަރިން އެބަތިއްބެވެ. އޭގެ ތެރެއިން 3 ވަނަ ދަރިފުޅަކީ އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްޤާދިރުއެވެ. ތިން މަހުން ފެށިގެން ވެސް ދަރިފުޅުގެ ތަފާތުކަމެއް ހުރި ކަމަށް ނަބީހުގެ މަންމަ އަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން ޔަޤީންވީ ނަބީހަށް އުމުރުން ދެ އަހަރު ފުރުނު ފަހުންނެވެ. އެކަން އެނގުމުން ނަބީހުގެ މަންމަ އާއި ބައްޕަ ވަރަށް ދެރަވިއެވެ. އެހެންނަމަވެސް އެހެން ދަރިންނެކޭ އެއްފަދައިން ނަބީހު އަކީ ވެސް މާތްﷲ ދެއްވި އަމާނާތަކަށްވުމުން އެމައިންބަފައިން އަޒުމް ކަނޑައެޅީ ވީ އެންމެ ރަނގަޅަކަށް ދަރިފުޅު ތަރުބިއްޔަތު ކުރުމަށެވެ.

ނަބީހު

ނަބީހު ތަރުބިއްޔަތު ކުރަމުން އައިރު ބައެއް މީހުން ވަރަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ވެސް ބުނެފައިވާ ކަމަށް އައިމިނަތު ބުންޏެވެ.

އެބަހުރި ވަރަށް ހިތުގައި ޖެހޭ ފަދަ އެއްޗެހި ވެސް މީހުން ބުނެފައި. ގުރައިދޫއަށް ލުމަށް ނޫނީ ޖެންޑަރއާ ހަވާލުކުރުމަށް. އޭރު 14 ނޫނީ 15 ސޯޓު އަޅުގަނޑު ދޮންނަން. އޭރު ނޭނގެ ބޮޑުކަމުދެވުނަސް ނަބީހުއަކަށް. 13 އަހަރުވަންދެން ވެސް ނޭނގެ، އެ މަންޒަރު ފެނިފައި އާއިލާ ތެރެއިން ވެސް ވަރަށް ހިތުގައި ޖެހޭ ފަދަ އެއްޗިސް ބުނެފައި އެބަހުރި. ތިވަރަކުން ނުގެންގުޅޭވޭނެ. އަޅުގަނޑު ހިތަށް އެރި ކެތްތެރިވާނަމޭ
އައިމިނަތު މުހައްމަދު

އެންމެ ކުޑައިރުއްސުރެން ޤުރުއާނަށް ޝައުޤުވެރިކަން ނަބީހު ހުންނަކަން ފާހަގަކުރެވުނެވެ. އެގޮތުން ދެ ނަމާދު ދޭތެރޭ ޓީވީން އަންނަ ޤުރުއާން އަޑުއެހުމަށާއި ބަންގި ގޮވާއަޑަށް ނަބީހު ކޮންމެ ތާކު ހުއްޓަސް އަޑުއަހެމަށް ނިކުމެއެވެ.  

ދެން އަޅުގަނޑު އެއްދުވަހު ޑރ. އަބްދުﷲ ނިޔާފަށް ދެއްކީ. ބުނިން ޤުރުއާނަށް ޝައުޤުވެރިކަން ހުރެޔޭ. އަޅުގަނޑު މިހާރު ވެސް އެބޭފުޅާގެ ފަސް އިނގިލި ފެންނަ ކަހަލަ. އިނގިލިން ގުނާލެވޭހާ މަދު މީހުންގެ ތެރޭގައި ހިމެނޭނޭ. ނަބީހުގެ މަންމަ އޭނަ ޤުރުއާނުގެ ރޮނގުން ކުރިއަށް ގެންދާށޭ
އައިމިނަތު މުހައްމަދު

ނަބީހު ޤުރުއާން ކިޔެވުމަށް ހުރި ޝައުޤުވެރިކަމެއްގެ ސަބަބުން އޭނަގެ މައިންބަފައިން ނިންމީ ދަރިފުޅު އެ ރޮނގުން އިތުރަށް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިކަމުގައި ވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. އެއީ ނަބީހު އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވުމުން ނަބީހުއަށް ކިޔަވައިދޭން އުނދަގޫވުމުންނެވެ. އަދި ބައެއް ފަހަރަށް މި ކުއްޖާއަށް މިކަން ނުވާނެ ނުވަތަ ނުކުރެވޭނޭ ބުނެ ގެއަށް ފޮނުވާލާފަވެސް އެބަހުއްޓެވެ.

ތަނެއްގެ ނަން ހާމައެއް ނުކުރާނަން. އަޅުގަނޑުގެ ދެ ދަރިން ގެންދިޔާމަ ބުނަނީ. މި ކުއްޖާ ބެހެއްޓިދާނޭ އެކަމަކު ނަބީހުއެއް ނުބެހެއްޓޭނޭ. ވަރަށް ދެރަވި. ފޮނި އުންމީދެއް ކުރާނެތާ ދޯ ނުކިޔެވުނަސް
އައިމިނަތު މުހައްމަދު

ގޮންޖެހުންތަކާއެކު ވެސް ނަބީހުގެ މަންމަ އާއި ބައްޕަ އަޒުމް ކަނޑައެޅީ ނަބީހު ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ޤުރުއާން މުބާރަތްތަކުގައި ވެސް ނަބީހު ބައިވެރި ކުރުވަން ފެށިއެވެ. ނުކުރެވޭނޭ ނުވާނެ ބުންޏަސް ނަބީހުއާ މެދު ދެކެމުންއައި ފޮނި އުންމީދުތަކެއް ދުލެއް ނުކުރެއެވެ. މައިންބަފައިންގެ އުންމީދާ އެއްވަރަށް ނަބީހު ވެސް ދިޔައީ އެކި މުބާރާތްތަކުން ވަނަ ހާސިލް ކުރަމުންނެވެ.

ނަބީހު ހޯދި އެކި ކާމިޔާބީތައް

އެގޮތުން ސައުދީއަރަބިއްޔާގައި ކުރިއަށްދިޔަ 42 ވަނަ "ކިންގް އަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން" ގެ ފައިނަލަށް ގޮސް އަލްހާފިޒް އަހުމަދު ނަބީހު އަބްދުލްޤާދިރު ވަނީ މުޅި ދުނިޔެ ވެސް އަޖައިބުކޮށްލާފައެވެ. އެ މުބާރާތުގައި 111 ޤައުމަކުން ބައިވެރިވި 153 މީހުންނާ ވާދަކޮށް ނަބީހު ވަނީ ރާއްޖޭގެ ނަން ރޯޝަން ކޮށްދީފައެވެ.

ނަބީހު

ނަބީހު ޤުރުއާން ކިޔެވުމުން މުޅި ދުނިޔެ އަޖައިބުކޮށްލާފައިވާއިރު އޭނާގެ މައިންބަފައިން ވެސް ތިބީ ތަޖުވީދު މަގަށް ނަބީހު ޤުރުއާން ކިޔެވުމުން އަޖައިބުވެފައެވެ. އަންތަރީސްވެފައެވެ. ސަބަބަކީ ތަނަކަށް ތަދުވިޔަސް ބުނެދޭން ނޭނގޭ ކުއްޖަކު، އެހާ ރީތިކޮށް އެހާ ފުރިހަމަކޮށް ޤުރުއާން ކިޔާވާތީއެވެ.

އަޅުގަނޑު ޤަބޫލުކުރާނީ މިއީ މާތްﷲ ދެއްވި ޚާއްސަ ރަހުމަތެއްކަމަށް. އަޅުގަނޑު ދައްކާ ވާހަކަ ވެސް ނޭނގޭނެ ނަބީހުއަށް. ކިހިނެއްތޯ ތަޖުވީދު އެނގޭނީ. ނޭވާ ދަމަންވާ ތަންނަނާ އެއްޗިސް ކިހިނެއްތޯ އެނގޭނީ
އައިމިނަތު މުހައްމަދު

ނަބީހު އުމުރުން މިހާރު 20 އަހަރު ފުރިފައިވާއިރު އިހުސާސްތައް ބޭރުކުރަން އަދިވެސް އުނދަގުލެވެ. އިހުސާސްތައް އަދިވެސް ބޭރު ކުރަނީ ރުޅި ދެއްކުމުންނާއި ރުއިމުންނެވެ.

ރޯނެ ބަލިވިޔަސް، އަޅުގަނޑު ގައިގައި އަތްލާ ބެލީމަ މި އެނގެނީ ހުން އައިސްފައި ހުއްޓަސް. ލޯތަޅުވާފައި ކަރުނަ އަންނަންޏާ ވަރަށް ބޮޑުކަމެއް ވީ އެ އަސްލު. ބުނދޭކަށް ނޭނގެ އަދިވެސް. ގެންގުޅެން ޖެހެނީ ތުއްތު ކުއްޖެއްހެން. އުންމީދަކީ އަމިއްލަ ހާލައިގެން އުޅެވޭނެ ދުވަހެއް ނަބީހުއަށް ފެނުން
އައިމިނަތު މުހައްމަދު

ނަބީހުގެ ބައްޕަ ޤާދިރު ބުނިގޮތުން ނަބީހުއަށްޓަކައި ބޮޑެތި ޤުރުބާނީތަކެއްވީ އޭނާގެ އަންހެނުން އަދި ނަބީހު މަންމަ އައިމިނަތުއެވެ. އެއީ ވަރަށް ތަފާތު މަންމައެއް ކަމަށް ބުންޏެވެ. އަދި އަނބީމީހާއާ ދޭތެރޭގައި އިންތިހާއަށް ފަޚުރުވެރިވާކަމަށް ވެސް ބުންޏެވެ.

ވަރަށް ތަފާތު މަންމައެއް. ކުދި ކަންތައްތަކެއް އުޅެފާނެ އެކަމަކު އަމާންކޮށް މި އުޅެނީ. ދަރިންގެ ހައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވާކަހަލަ މަޔެއް އެއީ
އަބްދުލް ޤާދިރު ޤާސިމް

ޖުމްލައެއް ފުރިހަމަ ކުރަން ވެސް ނަބީހުއަށް ވީ އުނދަގޫ ކަމަކަށެވެ. އަޅުގަނޑު ނަބީހުއާ ތިން ހަތަރު ސުވާލެއް ކުރުމުން ވެސް ނަބީހުއަކަށް ރަނގަޅަކަށް ޖަވާބެއް ނުދެވުނެވެ. އިހުސާސްތައް ބޭރު ކުރަން ބޭނުންވި ނަމަވެސް އަނގައިން ނިކުންނަނީ ދެތިން ބަހެވެ. އެހެންނަމަވެސް ޤުރުއާން ކިޔަވާލަން ބުނުމުން ނަބީހު ކިޔެވިލެއް ފުރިހަމަކަމުން އަޅުގަނޑު ވެސް އަޖައިބުވިއެވެ. އެއްވެސް ހުއްޓުމެއް ނެތި ފުރިހަމަކަމާއެކު ކިޔަވާ ނިންމާލީއެވެ. މިއީ ހަޤީޤަތުގައި ވެސް މާތްﷲ ގެ ކުޅަދުންވަންތަކަމޭ ހިތަށް އެރިއެވެ.

ނަބީހުގެ އޮތީ އެންމެ އުންމީދެކެވެ. ކޮންމެވެސް ދުވަހަކުން އިމާމަކަށްވުމެވެ. އޭނަގެ މި ހުނަރު ވެސް ވަނީ ދައްކާލާފައެވެ. ނަބީހު އަކީ ލިބުނު ބޮޑު ނިއުމަތެއްކަމަށް އޭނަގެ އާއިލާ އިން ޤަބޫލުކުރެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިން ހިތްވަރާއެކު މާތްﷲ އަށް ދުޢާކޮށް ކެތްތެރިކަމާއެކު ކުރިއަށް ދިޔުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މިފަދަ ކޮންމެ ކުއްޖަކު ހާފިޒަށް ނުވި ނަމަވެސް ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށްދިނަމަ ދެ ދުނިޔޭއިން ވެސް ލިބެން ހުރީ ހުސް ސަވާބާއި ދަރުމަކަން ޔަޤީނެވެ.

- ކޮމެންޓް