Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 15:57
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
މާލެސިޓީގައި މިނީ ބަހުގެ ޚިދުމަތް އާންމުން ބޭނުންކުރަނީ
ސިމާހާ ނަސީމް
މިނީ ބަހުގެ ޚިދުމަތުން އަގު ނެގުން
ހޯމަ ދުވަހުން ފެށިގެން މިނީ ބަހުގެ ޚިދުމަތުން އަގު ނަގާނެ، މާރެއް ނުކުރެވޭނެ!
ޓިކެޓް ނެގޭނެ އިތުރު ގޮތްތަކެއް ވެސް އެމްޓީސީސީން ތައާރަފު ކުރާނެ
އޮންލައިންކޮށް އަދި ކަރުދާސް ޓިކެޓް ވެސް ނެގޭނެ، ނަމަވެސް މާރު ނުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނޭ
ޓިކެޓެއްގެ އަގަކީ 7 ރުފިޔާ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން މާލޭގައި ދެމުން އަންނަ މިނީ ބަހުގެ ޚިދުމަތުން ހޯމަ ދުވަހުން ފެށިގެން އަގު ނަގަން ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިނީ ބަހުގެ ކޮންމެ ދަތުރަކަށް ނަގާނީ ހަތް ރުފިޔާއެވެ. މާލޭގައި މިވަގުތު މިނީ ބަހުގެ ޚިދުމަތް ދޭ ތިން ރޫޓުތަަކުން ވެސް ނަގާނީ އެއް އަގެކެވެ. އެއީ އޯކިޑު ރޫޓާއި އަމީނީ ރޫޓާއި ސޯސަން ރޫޓެވެ.

މިނީ ބަހުން އަގު ނަގަން ފެށުމާއެކު ހޯމަ ދުވަހުން ފެށިގެން އާރުޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރު ޓިކެޓް ނެގޭނެއެވެ. ކިޔުއާރު ޓިކެޓް ނަގާ ކަސްޓަމަރުންނަށް އެއްފަހަރާ 60 އާ ހަމައަށް ޓިކެޓް ނެގޭ އިންތިޒާމު ހަޖައްސާފައިވާއިރު މި ޓިކެޓުތައް ބޭނުންކޮށްގެން ޓިކެޓް ނަގާތާ ހަތް ދުވަހުގެ ތެރޭގައި ޚިދުމަތް ހޯދޭނެއެވެ.

Advertisement

އާރުޓީއެލްގެ މޯބައިލް އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވެން ހުންނައިރު ޓިކެޓް ނަގާނެ ގޮތް ދައްކުވައިދޭ ވީޑިއޯ އާރުޓީއެލްގެ ޔޫޓިއުބް ޗެނަލާއި މީސް މީޑިއާ މަންސަތަކުން ބަލައިލެވޭނެއެވެ.

ވެބްސައިޓާއި އެޕްލިކޭޝަނުގެ އިތުރުން ޓެކްނޮލޮޖީއާ ރައްޓެހި ނޫން ފަރާތްތަކަށް ޓިކެޓު ނެގުމުގައި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބަހުގައި ކަރުދާސް ޓިކެޓުވެސް ވިއްކަން އެމްޓީސީސީން ވަނީ ނިންމާފައެވެ. މި ޚިދުމަތް އެމްޓީސީސީން ދިން ނަމަވެސް ޓިކެޓުގެ އަގަށްވާ ފައިސާ ގެނައުމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ކަސްޓަމަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ބަހުގައި މާރު ކުރެވެން ނުހުންނާނެ ކަމަށާއި އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެކަން އޮންނަ ގޮތް ކަމަށެވެ. މާރު ނުކުރެވޭ ގޮތަށް ބަހުގައި ކަރުދާސް ޓިކެޓް ވިއްކަން ނިންމީ ފައިސާ މާރު ކުރަން ޖެހިއްޖެ ނަމަ ދަތުރުތައް ލަސްވެ، ކަސްޓަމަރުންނަށް އިތުރު ދަތިތައް ދިމާވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް ސީދާ އަދަދު ހިފައިގެން ވަޑައިގަތުމަށް. ސީދާ ހަތް ރުފިޔާ ހިފައިގެން ވަޑައިގަންނަވައްޗޭ. އަޅުގަނޑުމެން އެތެރޭގައި ޗޭންޖު ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި ނުހުންނާނެ. އެގޮތަށް އެކަން ކުރަން ޖެހިއްޖެއްޔާ އެ ބަސް ދަތުރު ހުއްޓިގެން އެތާ ތިބެން ޖެހޭނެ. 10 ވަރަކަށް މީހުންނަށް ޗޭންޖު ދެންޏާ ކޮންމެ ތަނެއްގައި ފަސް ވަރަކަށް މިނެޓް މަޑު ކުރަން ޖެހޭނެ،
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިނީ ބަހުގައި ކަރުދާސް ޓިކެޓް ގަންނަ ފަރާތްތަކުން ފައިސާ ލާނެ ފޮއްޓެއް ބަސްތަކުގައި ބަހައްޓާފައި ހުންނާނެއެވެ. ޓިކެޓަށްވާ ފައިސާ އެ ފޮއްޓަށް ލުމުން ޓިކެޓް ލިބިގެންދާނެއެވެ. މިގޮތަށް ޓިކެޓް ދޫކުރާނީ ބަހުގެ ތެރެއިން އެކަންޏެވެ.

އާޒިމް ވިދާޅުވީ މިވަގުތު ވެބްސައިޓާއި އެޕްލިކޭޝަނުން ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް މި މަހުގެ ތެރޭގައި އީއެމްވީ ކާޑު ބޭނުން ކުރެވޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މި ޚިދުމަތާއެކި ވިސާ، އެމެކްސް އަދި މާސްޓަކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެ ކާޑުތައް ބޭނުންކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެއެވެ.

މި ޚިދުމަތުގެ އިތުރުން ކޯ ބްރޭންޑެޑް ކާޑު ވެސް ތައާރަފު ކުރުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކާޑު ތައާރަފު ކުރުމާއެކު މިހާރު އެމްޓީސީސީގެ ބަސް ދަތުރުތަކުގައި ބޭނުން ކުރާ ދަތުރު ކާޑުތައް އުވާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު އެ ކާޑު ބޭނުން ކުރުމުގައި ހުރި ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ކާޑު މިއަހަރު ނިމުމުގެ ކުރިން ތައާރަފު ކުރެވޭނެއެވެ.

އާރުޓީއެލްގެ މިނީ ބަހުން އަގު ނަގަން ފެށި ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދައްކައިގެން ހިލޭ ދަތުރު ކުރެވޭނެއެވެ. އަދި ހއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާގެ ކާޑު ދައްކައިގެންނާއި ޔުނިފޯމުގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ހިލޭ ބަހުގައި ދަތުރު ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް