ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 12:26
އިންޑިއާ އާއި ރާއްޖެއާ ދެމެދު ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއި ކުރުން
އިންޑިއާ އާއި ރާއްޖެއާ ދެމެދު ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއި ކުރުން
ފޮރިން މިނިސްޓްރީ
އިންޑިއާގެ އެހީ ރާއްޖެއަށް
ރާއްޖެއާއި އިންޑިއާއާ ދެމެދު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފި
އިންޑިއާ ސަރުކާރުން ވަނީ ކަރެކްޝަންސްއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ

ރާއްޖެއާއި އިންޑިއާއާ ދެމެދު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދު އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި އެހީއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އިންޑިއާ ސަރުކާރުން އެއްބާރުލުން ދެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ލައިން އޮފް ކްރެޑީޓްގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ބޭނުންވާ އުޅަނދުތަކެއް ވެސް އެ އިދާރާއާ ހަވާލުކޮށްފައެވެ. މި އުޅަނދުތައް ކަރެކްޝަންސްއާ ހަވާލުކޮށްދެއްވީ އިންޑީއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ. މި ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅުއެވެ.

ކަރެކްޝަންސްއަށް ދިން މި އެހީއަކީ އިންޑިއާ ސަރުކާރުން ކުރިއަށްގެންދިޔަ އަށް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްގަމު އުޅަނދުތަކެއް ހަދިޔާ ކޮށްފައިވާއިރު އާދީއްތަ ދުވަހު ހަވާލު ކުރެވުނު ކަނޑު އުޅަނދުތަކަކީ މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވައްސެވެ. މި އެހީގެ ސަބަބުން ދަތުރުފަތުރުގައި ހުރި ދަތިތަކަށް ލުއި ލިބި، ކަރެކްޝަންސްގެ ކެޕޭސިޓީ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސަރުކާރުން ކަރެކްޝަންސްއަށް ކަނޑު އުޅަނދުތައް ހަދިޔާ ކުރައްވަނީ - ފޮރިން މިނިސްޓްރީ

އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެ ޤައުމުގެ ފޮރިން ސެކެޓްރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ގެންދަވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު ފޮރިން މިނިސްޓްރީއަށް ޒިޔާރަތް ކުރައްވައި ރާއްޖޭގެ ފޮރިން ސެކްޓްރީ އަހުމަދު ލަތީފުއާ ބައްދަަލު ކުރައްވައި ރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ފޮރިން ސެކެޓްރީން ވެސް ވަނީ އިންޑިއާގެ ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހިއްސާ ކުރައްވައި ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތަކީ ކާމިޔާބު މަސައްކަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންސާނީ ވަސީލަތްތައް ތަރަައްގީ ކުރުމާއި މަލްޓިލެޓަރަލް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މި ބައްދަލު ކުރެއްވުމުގައި ވަނީ މަޝްވަރާ ކޮށްފައެެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީގައި ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ރާއްޖޭގެ ފޮރިން ސެކެޓްރީ އަހުމަދު ލަތީފު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކެޓްރީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި ދައުލަތުގެ ބައެއް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް