އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ބަނޑޮސް މޯލްޑިވްސްއިން ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ބަނޑޮސް ވޮލީ ކޯޓުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ފޯ ސީޒަންސްއިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރަައި ތިން ސެޓު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފޯ ސީޒަންސްއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހުއެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓު ފޯ ސީޒަންސްއިން ކާމިޔާބުކުރީ 27-25ންނެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓުވެސް ކާމިޔާބުކުރީ ބަނޑޮހުންނެވެ. ބަނޑޮހުން ސެޓުތައް ކާމިޔާބުކުރީ، 19-25، 16-25 އަދި 19-25ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބަނޑޮސް ޓީމުގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)އެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ، ބަނޑޮހުގެ އަލީ ހުޒާމް، އަލީ އާމިރު (ދިގު އައްޔަ)، އިޝާން މުހައްމަދު (ބަޓިސް)، ވަން އެންޑް އޮންލީ ރީތި ރަށުގެ އާދަމް ނަސީމް (އެޑަމް)، ފޯ ސީޒަންސްގެ އަހުމަދު ފާޒިލް އަދި ހުސެއިން ޔޫސުފްއެވެ. އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ފޯ ސީޒަންސްގެ މުހައްމަދު ނައީމް (ނައިންޓެ)އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޖުމެރިއާގެ އަހުމަދު ނައުފަލްއެވެ. އެންމެ މޮޅު ކޯޗަކަށް ބަނޑޮހުގެ މުހައްމަދު ސާޖިދު (ކާއްޓޭ) ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ކުޑަކާއްޓެއެވެ.
މިއަހަރުގެ އިންޓަރ ރިސޯޓް މުބާރާތުގެ ޒޯން ބުރުގެ ކުޅުން މިހާރު ވަނީ ނިމިފައެވެ. ދެން އޮންނާނީ ޒޯން ޗެމްޕިއަނުން ލީގެވެ. މި ލީގުގައި ވާދަކުރާނީ ބަނޑޮސް، ފޯ ސީޒަނަސް އެޓް ކުޑަހުރާ، ޖޯލި މޯލްޑިވްސް، ޖޯލި ބީން އަދި ކޮންރަޑް މޯލްޑިވްސްއެވެ.
މިއަހަރުގެ މުބާރާތުގެ ނަމަކީ ގޯލްޑަން އިޔަރ އިންޓަރ ރިސޯޓް ވޮލީ ބޯޅަ މުބާރާތެވެ. އެއީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދީފައިވާ ނަމެކެވެ.