ކ. މާލެ
|
30 ސެޕްޓެންބަރ 2022 | ހުކުރު 17:12
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި އިހުތިފާލުގެ ތެރެއިން
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި އިހުތިފާލުގެ ތެރެއިން
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ރަންޔޫބީލް
ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ކޮށްފި: މުހައްމަދު އުމަރު މަނިކު
މިއީ ފަޚުރުވެރިވާން ޖެހޭ އިންޑަސްޓްރީއެއް
މި އިންޑަސްޓްރީ ސަރުކާރުން ބަލައިގެންފި

ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންނުކުރާ މިންވަރަށް މި ސަރުކާރުން ކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ރަންޔޫބީލްގެ މުނާސަބަތުގައި، އެ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މުހައްމަދު އުމަރު މަނިކު ވިދާޅުވީ ރާއްޖޭގައި ކިތަންމެ ސަރުކާރެއް އައި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދެއްވި ރެކޮގްނިޝަން އެހެން ސަރުކާރަކުން ނުދެއްވާ ކަމަށެވެ. އަދި މިއީ ފަޚުރުވެރިވާން ޖެހޭ އިންޑަސްޓްރީއެއް ކަމަށާއި މި އިންޑަސްޓްރީ ސަރުކާރުން ބަލައިގެންފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ ވައިސް ޗެއާމަން ހުސެއިން އަފީފް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކާއި މި ސަރުކާރު ގުޅިގެން އެންމެންގެ ހިތްވަރާއެކު މި ހިސާބަށް ގޮސްފައިވާ ކަމަށެވެ. މި ދާއިރާ އިން އެއްވަނަ އަށް ދިޔުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް ދެމިއޮތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް ވިދާޅުވީ ގިނަ ބަޔަކު ޝާމިލްވެގެން ފަތުރުވެރިކަން މިހާ ހިސާބަށް ގެނެސްދިން ކަމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި ފާއިތުވި ހުރިހާ ސަރުކާރުތަކުން ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އެހާ ބޮޑަށް "އިންޓަރފިއަރ" ނުކުރައްވާ، ކުރިއަށްދާން ފުރުސަތު ދެއްވީތީ ނަސީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން ރައީސް މިހާރު ކަންތައްތައް ކުރައްވާ ގޮތާމެދު އަބަދުވެސް މަޝްވަރާ ކުރައްވާ ކަމަށާއި އެއީ ބޭނުންފުޅުވާ ކަހަލަ ލީޑަރެއް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސްގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް ޔޫސުފް ރިފްއަތު ވިދާޅުވީ މިއަދު މި ހަފްލާ ފާހަގަކުރެވިގެންދަނީ ކޮވިޑުގެ ކަންތައްތައް ރައީސް ގެންދެވި ފުރިހަމަ ގޮތުގެ ސަބަބުން ކަމަށެވެ.

ޔޫސުފް ރިފްއަތު މިހެން ވިދާޅުވެފައިވާއިރު ރައީސް ވަނީ މީގެކުރިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވައި, އަންނަން އޮތް ޖީލުތަކަށް މީގެ ފައިދާ ފޯރުކޮށްދިނުމަށް ތަރައްގީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ތިމާވެއްޓަށް ރިޢާޔަތްކޮށް, ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތް ތަރައްގީކޮށް ކުރިއެރުވުން މުހިންމު ކަމަށެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން، 2023ގެ ނިޔަލަށް ހުއްޓައިލުމާއި, އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާރބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ ކަމަކީ، ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް