ސިވިލް ކޯޓުގެ ޤާޟީ ޢަލީ ޢަބްދުﷲގެ ސުލޫކީ މައްސަލައެއް ތަހުޤީޤުކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ އަވަހަށް ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް އަވަހަށް ހިންގުމުގައި ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.
ވުމާއެކު، އެ ޤަޟިއްޔާ ބަލަމުންދާ ޤާޟީ ޢަލީ ޢަބްދު ﷲގެ ސުލޫކީ މައްސަލައެއް ތަޚްޤީޤުކުރަން ފެންނަކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީއަކާ ޙަވާލުކުރުމަށް 2022 ސެޕްޓެންބަރު 21 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 65 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.
ޤާޟީ ޢަލީ ޢަބްދުﷲގެ މައްސަލައެއް މީގެ ކުރިންވެސް ޖޭއެސްސީން ބަލާފައިވެއެވެ. އެއީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި އެކަށީގެންނުވާ މިންވަރަށް އެ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ ބެލުމަށްފަހު ގާޒީ އަލީ އަބްދުﷲގެ އެ އަމަލަކީ ގާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަމްބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަމްބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ގާޒީ އަލީ އަބްދުﷲ އާ މެދު އަޅާ ސުލޫކީ ފިޔަވަޅެއްގެ ގޮތުން ޖޭއެސްސީން ވަނީ ނަސޭހަތް ދިނުމަށް ނިންމައި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގައިފައެވެ.
ޖޭއެސްސީން މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 11 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 62 ވަނަ ޖަލްސާގައެވެ.