ކ. މާލެ
|
29 ސެޕްޓެންބަރ 2022 | ބުރާސްފަތި 09:40
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެމްއޭސީއެލް
ވީއައިއޭގެ އައު ރަންވޭ
އޮކްޓޯބަރު 6 ގައި އައު ރަންވޭ ބޭނުންކުރަން ފަށަނީ
އެދުވަހު އައު ސީޕްލޭން ޓާމިނަލްވެސް ރަސްމީކޮށް ހުޅުވާނެ
އައު ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރޭ
އައު ރަންވޭ ހުޅުވުމާއެކު ރަންވޭ ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުވާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ އައު ރަންވޭ އަންނަ މަހުގެ 6 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެމްއޭސީއެލްއިން ބުނީ އެއަރޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފަށާ ދުވަހު އައު ސީޕްލޭން ޓާމިނަލްވެސް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

އައު ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. މި ރަންވޭގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔަމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އަދި 2018 ވަނަ އަހަރު އިއްތިހާދުގެ އޭ380 ބޯޓެއް ޖައްސައި ރަންވޭ ހުޅުވާފައިވެސް ވެއެވެ. އެހެންނަމަވެސް އެއަށްފަހު ރަންވޭ ބޭނުމެއް ނުކުރެއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން މީގެ ކުރިން ބުނެފައިވަނީ އައު ރަންވޭ ބޭނުންކުރެވޭނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލް އެތަނުން ބަދަލުކުރެވިގެން ކަމަށެވެ. އަދި ރަންވޭއާއެކު ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނުނިމި ހުރިކަން އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ބޯޓު ޖެއްސުމުގައި ދިމާވާ ލަސްތައް ހައްލުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި 3 ވަރަކަށް މިނިޓުގެ ތެރޭގައި ރަންވޭ ކްލިއަރ ކޮށްލެވޭނެ ކަމަށް ބުނެފައިވެއެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއަކަށެވެ.

- ކޮމެންޓް