ޔުގާންޑާގެ އެކި ސަރަހައްދުތަކުގައި އެބޯލާ ވައިރަސް ފެތުރި މިހާތަނަށް 23 މީހުން މަރުވެއްޖެއެވެ.
އެ ޤައުމުގައި އެބޯލާ ފެތުރޭތީ އިރުމަތީ އެފްރިކާ ޤައުމުތަކުގެ ސިއްހީ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔުގާންޑާއިން އެ ޤައުމުގައި އެބޯލާ އައުޓްބްރޭކެއް އުޅޭ ކަމަށް އިއުލާން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ޤައުމުގައި މިހާރު ފެންނަމުންދަނީ މަދުން ނޫނީ ނުފެންނަ ސުދާން ސްޓްރެއިންނެވެ.
ޔުގާންޑާއިން މިހާތަނަށް އެބޯލާ ވައިރަސް ފެނިފައިވަނީ އެ ޤައުމުގެ މުބެންޑޭ ޑިސްޓްރިކްޓާއި ކިޔެގެގްވާ އަދި ކަސަންޑާ ޑިސްޓްރިކްޓުންނެވެ. މި ސަރަހައްދުތަކުން މިހާތަނަށް ވައިރަސް ޖެހިފައިވާ 36 މީހުން ފެނިފައިވާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ ރިޕޯޓްކޮށްފައެވެ.
މިހާތަނަށް ފެނުނު ކޭސްތަކުގެ ތެރޭގައި އެބޯލާ ކަމަށް ޝައްކު ކުރެވޭ ކޭސްތައް ވެސް ހިމެނެއެވެ. އަދި ޝައްކުވެގެން ރިޕޯޓުކޮށްފައިވާ 18 މީހަކު މިހާތަނަށް ޓެސްޓު ކޮށްފައިވާއިރު 18 މީހުން ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި ވައިރަހަށް ޝައްކު ކުރެވޭ މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވާއިރު މަރުވެފައިވާ މީހުންގެ ޓެސްޓުތަކެއް އެ ޤައުމަކުން ނުހަދައެވެ.
މިހާތަނަށް ޔުގާންޑާއިން ވަނީ ހަތަރު ފަހަރަކު އެބޯލާގެ އައުޓްބްރޭކުތަކެއް ރެކޯޑުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ 2000 ވަނަ އަހަރުގައެވެ. އެ އަހަރު 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.