ޔުގެންޑާގެ އެންޓާބޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެ ގައުމުން ބުނެފިއެވެ.
ޔުގެންޑާއިން މިހެން ބުނެފައިވަނީ ބޭރުގެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާއި ގުޅޭގޮތުންނެވެ. އެ ޚަބަރުތަކުގައިވާ ގޮތުން އެންޓާބޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޗައިނާއިން ނަގާފައިވަނީ ޔުގެންޑާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނެއް އަނބުރާ ނުދެއްކުމުން، އެ ލޯނު އަނބުރާ ދެއްކެންދެނެވެ.
ޔުގެންޑާއިން ނަގާފައިވާ މި ލޯނަކީ އެގައުމުގެ ބައިނަލްއަގުވާމީ ހަމައެކަނި އެއަރޕޯޓު ކަމަށްވާ އެންޓާބޭ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކްސްޕެންޝަން މަސައްކަތަށް ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ 6 އަހަރު ކުރިން ނަގާފައިވާ މި ލޯނު އަނބުރާ ނުދެއްކިއްޖެނަމަ ޗައިނާއިން އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ބަދަލުކުރުމަށް ޔުގެންޑާއިން އެދިފައިވާ ކަމަށާއި އެހެންނަމަވެސް ޗައިނާއިން ވަނީ އެކަންކަން ބަދަލު ނުކުރަން ނިންމާފައިވާ ކަމަށް ވެސް ވެއެވެ.
ޗައިނާއާ ޔުގެންޑާއާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔުމެއްގައި ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެންޓާބޭ އެއަރޕޯޓާއި، ޔުގެންޑާ ސަރުކާރުގެ ދަށުގައިވާ އެހެނިހެން ތަންތަނާއި ތަކެތި ވެސް ޗައިނާއަށް ދޭންޖެހޭނެ ކަމަށްވެއެވެ.
މިކަމާއި ގުޅޭގޮތުން ޔުގެންޑާގެ ސްޕޯކްސްޕާސަން ވިދާޅުވީ ގައުމުގެ އެހާ ބޮޑު އެސެޓެއް އެގޮތަށް ނުދޭނެ ކަމަށެވެ. ކުރިން ވެސް މިހާރު ވެސް ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާ ކަމަށާއި އެކަން އެގޮތަށް ހިނގާފައިވާނުވާނެ ކަމަށެވެ. އެ ވާހަކަތަކުގައި ޒައްރެއްގެ މިންވަރަށް ވެސް ހަގީގަތް އެކުލެވިގެންނުވާނެ ކަމަށް ޔުގެންޑާގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
މީގެއިތުރުން ޗައިނާ ސަރުކާރުން ޔުގެންޑާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގ ލިޒޮންގ ވެސް ވިދާޅުވީ އެންޓާބޭ އިންޓަރނޭޝަނަލް އެއަރޕޯޓު ޗައިނާގެ ބާރުގެ ދަށަށް ދިޔަ ކަމަށް ބުނެ ދައްކަނީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ދޮގެއް ކަމަށް ވިދާޅުވިއެވެ.