ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރަށް މުޅިން އަލަށް ތައާރަފު ކުރާ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް ހިންގުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ފަރުމާކޮށް އުފައްދާފައިވާ ޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މިނިސްޓަރުގެ އަރިހުގައި އެންއެސްއީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އައުޝަން ލަތީފާއި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު ފާތުމަތު އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިޔަނަ އަކީ ސީއެމްޑީއޭ އާއި އެމްއެސްއީ ގުޅިގެން ޕްރައިވެޓް ކުންފުނިތަކަށް ހިއްސާގެ ބާޒާރުގައި ދިމާވެފައިވާ ގޮންޖެހުންތައް މަދުކޮށް، ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުގެ ދަށުން ސެކިއުރިޓީޒް ދޫކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ.
އެގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޕްރައިވެޓް ކުންފުނިތަކާއި އެނޫން ވެސް ޤާނޫނީ ޝަހްސުތަކަށް ވިޔަނަ ގައި ރަޖިސްޓްރީވުމަށްފަހު ސެކިއުރިޓީޒް ގަތުމަށް ހުށަހެޅޭނެ ކަމަށް އެމްއެސްއީ އިން މައުލޫމާތު ދެއެވެ. އަދި ވިޔާފަރިތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މި ސެގްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.
މި ހަފްލާގައި އެމްއެސްއީ އަދި ސީއެމްޑީއޭގެ އިސްވެރިންނާއި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މާލީ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.